ދަރިންތަރުބިއްޔަތު ކުރުމާ ގުޅޭ ޚާއްސަ ޕްރޮގްރާމް ”އަލިވޮށް“ ނ. ލަންދޫގައި ފަށައިފި
ނ. ލަންދޫގެ ބެލެނިވެރިން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި "އަލިވޮށް" ގެ ނަމުގައި ކުރިއަށްގެންދާ ޚާއްޞަ ސެޝަންތަކެއް، އެ ރަށުގައި ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ލައިފް ޖަމްޢިއްޔާ، ނ. ލަންދޫ ކައުންސިލް އިދާރާ، ލަންދޫ ސްކޫލް، އިންސްޓިޓިއުޓް އޮފް ތިލާވަތުލް ޤުރްއާން (އައި.ޓީ.ކިއު)، ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (އެޗް.އައި.އޭ) އަދި އަލްޢަޞްރު ޖަމްޢިއްޔާ ގުޅިގެން އިންތިޒާމުކުރާ ޕްރޮގްރާމެކެވެ.
އިސްލާމީ ރިވެތި އުޞޫލުތަކާ އެއްގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރާއި ޒިންމާތަކަށް އަލިއަޅުވާލައިގެން ކުރިއަށްގެންދާ މި ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް ސާޖިދު މުޙައްމަދެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ތާވަލުކުރެވިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން، ފުރަތަމަ ސެޝަން މިއަދު ހަވީރު 4:00 އިން 5:30 އަށް ލަންދޫ ސްކޫލް ހޯލުގައި އޮންނާނެއެވެ. އަދި މިރޭ 8:00 އިން 10:00 އަށް ވެސް ލަންދޫ ސްކޫލް ހޯލުގައި އިތުރު ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، 6 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހެނދުނު 9:15 އިން 10:00 އަށް އައި.ޓީ.ކިއު ކްލާސްރޫމް 1 ގައި ޚާއްޞަ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަނަކީ އައި.ޓީ.ކިއު އިން ބެލެނިވެރިންނަށް ޚާއްޞަކޮށްގެން މިހާރުވެސް ކުރިއަށްގެންދާ "ލޮލުގެ ފިނިކަން" ޕްރޮގްރާމްގެ ބައިވެރިންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ހަމަޖެހިފައިވާ ސެޝަނެކެވެ.
މި ޕްރޮގްރާމް އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަންތަކުގެ މައިގަނޑު ބޭނުމަކީ ހެޔޮލަފާ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ބެލެނިވެރިންނަށް ބޭނުންވާ މުހިންމު އިރުޝާދުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެހެންކަމުން، ލަންދޫގެ ވީހާވެސް ގިނަ ބެލެނިވެރިން މި ސެޝަންތަކުގައި ބައިވެރިވެ، މަޢުލޫމާތު މުއްސަނދިކުރުމަށް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް