ހެލްތު އެކްސްޕޯގައި އެޗްޑީސީން އިސްރަށްވެހިންނަށް ޚާއްސަ ޕްރޮގްރާމެއް
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "ހެލްތު އެކްސްޕޯ 2026" ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްރަށްވެހިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
އެޗްޑީސީން ބުނީ އެކްސްޕޯގައި ގާއިމުކޮށްފައިވާ އެކުންފުނީގެ ސްޓޯލުން އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ރޭވިފައިވާކަމަށެވެ. މި އެކްސްޕޯގައި އެ ކޯޕަރޭޝަނުން އެންމެ ޚާއްސަ އިސްކަމެއް ދެނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމަށެވެ. އެގޮތުން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމާ ބެހޭ މައުލޫމާތު ދިނުމާއި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި އެކްސްޕޯގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި އަދި ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރުމަށް ހިތްވަރުދިނުމެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމާއި، އިސްރަށްވެހީންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށްދިނުންކަމަށް އެޗްޑިސީން ބުންޏެވެ.
އެޗްޑީސީން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮސް "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމެއް ފެށުމަށް ނިންމާފައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.
މި ސެޝަންތަކުގައި އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް