މަރުގެ އަދަބު ތަންފީޒުކުރާ ބިލު މަޖިލީހަށް؛ ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެން
ދިވެހިރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ދަންޖައްސައިގެން ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމެއް ކަމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ބައިނަލްއަޤްވާމީ ކަމާގުޅޭ އުސޫލުތަކާއި، ޢާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ޙައްޤުތަކަށް ރިޢާޔަތްކުރެވިގެން، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޛުކުރުމާގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން ކަމުގައެވެ.
މި ބިލުގައި މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކުގެ އިތުރުން، ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތަކާއި، އަދަބު ތަންފީޛުކުރުން މަނާކުރާ ޙާލަތްތަކާއި ސަބަބުތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްވެރިޔާގެ މައްޗަށް އެ އަދަބު ތަންފީޒުކުރަންޖެހޭނީ ދަންޖައްސައިގެންނެވެ. އަދި އަދަބު ތަންފީޒުކުރުމުގެ ކުރިން ކުށްވެރިޔާއަށް ލިބިދޭންޖެހޭ މުހިންމު ޙައްޤުތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
އެގޮތުން، އަދަބު ތަންފީޛުކުރާނެ ތާރީޚާއި ވަގުތު ކަނޑައަޅާ ތާރީޚުން ފެށިގެން އަދަބު ތަންފީޛުކުރުމާ ދެމެދު، ކުށްވެރިޔާއަށް އޭނާގެ ޢާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ދޭންވާނެ ކަމަށް ބިލުގައިވެއެވެ. މި ބައްދަލުވުންތައް އޭނާ ބަންދުކޮށްފައި ހުންނަ ޖަލެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަމަޖައްސަންވާނީ ޢާންމު ޤައިދީންނަށް ލިބޭ އިންތިޒާމުތަކަށްވުރެ ލުއިފަސޭހަކޮށް، ވީހާވެސް ގިނަ ފަހަރު އަދި އެކަށީގެންވާ ގިނަ ވަގުތު ލިބޭނޭ ގޮތަކަށެވެ. މީގެ އިތުރުން، ކުށްވެރިޔާ އެދިއްޖެ ޙާލަތެއްގައި އޭނާގެ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދޭންޖެހެއެވެ.
ހަމައެއާއެކު، މަރުގެ އަދަބު ތަންފީޛުކުރުމުގެ ކުރިން، ކުށްވެރިޔާއަށް އޭނާގެ އެންމެ ފަހުގެ ވަޞިއްޔަތް ކުރުމުގެ ފުރުޞަތު ލިބިދޭންވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އަދަބު ތަންފީޛުކުރަން ކަނޑައަޅާ ތާރީޚާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި، ކުށްވެރިޔާ އިޚްތިޔާރުކުރާ ދުވަހެއްގައި ވަޞިއްޔަތް ކުރުމުގެ އިންތިޒާމު ކަރެކްޝަންސްއިން ހަމަޖައްސައިދޭން ލާޒިމުވާނެއެވެ.
ރާއްޖޭގައި މަރުގެ އަދަބު ދެވޭނީ، ޑްރަގް ޓްރެފިކިންގގެ ކުށް ސާބިތުވާ މީހުންނަށާއި، މީހަކު މެރިކަން ސާބިތުވެފައިވާ މީހެއްގެ ކިބައިން ޤިޞާޞް ހިފުމަށް ކަމަށް ގާނޫނުގައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް