ރަސްމާލެ ހިއްކަން ހަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު
ރަސްމާލެ ހިއްކަން ޚަރަދުވާނެ ކަމަށް މިހާރު ޔަގީންކުރެވެނީ 330 މިލިއަން ޑޮލަރު ކަމުގައި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިރޭ އޮތް "އަހާ ފޯރަމް" ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މީހާ ވަނީ ރަސްމާލެ ހިއްކުމަށް ހަރަދުވީ ފައިސާއާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކި އަދަދުތައް ހާމަކުރަމުންދާ ކަމަށާ ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުގެ ހަގީގީ ތަފްސީލެއް ދިނުމަށް އެދިފަ އެވެ.
އެ ސުވާލާއި ގުޅިގެން މުއްތަލިބު ވިދާޅުވީ ރަސްމާލެ ހިއްކަން ފެށިއިރު އެ މަޝްރޫއުއަށް 500 އާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުރީން ދެންނެވުނު ކަމަށެވެ. އޭރު އެހެން ދެންނެވުނީ އޭގެ ކުރީން ހިންގާފައިވާ މަޝްރޫޢުތަކަށް ޚަރަދުވެފައިވާ އަދަދުތަކަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ވީހާވެސް ހަރަދުކުޑަކޮށް ރަސްމާލެ ހިއްކުން ކުރިއަށް ގެންދަން ކުރެވުނު މަސައްކަތުން ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކާ ނިމޭއިރު ހަރަދުވާނީ 330 މިލިއަނެއްހާ ރުފިޔާ ކަމަށެވެ. މިއީ ވަރަށް ސީފިބަލް އަގެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ނިސްބަތުން ވަރަށް ކުޑަ އަދަދަކުން ރަސްމާލެ މި ހިއްކެނީ،" ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރަސްމާލޭގެ 1،009 ހެކްޓަރުގެ ބިން ހިއްކާ މުޅީން ނިންމުން ކަމަށެވެ. ނަމަވެސް އެ އަމާޒަށް ވާސިލުނުވެވިދާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިން ހިއްކުމަށް ހަވާލުކުރި ބައެއް ފަރާތްތަކަށް ފައިސާ ދިނީވެސް ދިވެހި ރުފިޔާއިން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް