ރަޝިއާއަށް ފައިސާ ފޮނުވުމާއި ބަލައިގަތުމަށް ބަދަލުގެނައި ވާހަކަ ބީއެމްއެލުން ދޮގުކޮށްފި
ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާ އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބީއެމްއެލުން ބުނެފި އެވެ.
ބެންކުގެ ތަރުޖަމާން މުޙައްމަދު ސައީދު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށެވެ.
“މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ،” ސައީދު ވިދާޅުވި އެވެ.
މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާ މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަން ފާހަގަކޮށް ސައީދު ވިދާޅުވީ ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ.
”މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމަށް ބޭންކުން ދެކެމެވެ،” ސައީދު ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް