ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅަން، މިހާރު ބިރެއް ނޯންނާނެ
ސަރުކާރަށް ފާޑުކިޔަސް މިހާރު ޓީޗަރުންނަށް ފިޔަވަޅެއް ނާޅާނެ ކަމަށާ ޓީޗަރުންނަށް މިހާރު އެއްވެސް ބިރެއް ނޯންނާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުންނެވެ. ޓީޗަރަކު ވަނީ އިސްމާއީލްގެ ވަޒީރު ކަމުގައި ޓީޗަރުންނަށް ކޮށްދިނީ ކޮން ކަމެއްތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް މާބޮޑު ތަފްސީލަކުން ޖަވާބެއް ނުދެވުނެވެ. ނަމަވެސް ޓީޗަރުންނަށް ފިޔަވަޅު ނާޅާކަމުގައި ވިދާޅުވެ އެ މައުލޫގައި ތަފްސީލުކޮށް ވާހަކަ ދެއްކި އެވެ.
ވިދާޅުވީ މިދިޔަ ތިން އަހަރުތެރޭ އެއްވެސް ޓީޗަރަކަށް ފިޔަވަޅު އަޅާފައެއް ނޯންނާނެ ކަމަށެވެ. އަދި ޓީވަރުންނަށް އުފާވެރި އަގުވަޒަންކުރެވޭ މާހައުލެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ބިރެއް ނުފޫޒެއްނެތި މަސައްކަތްކުރެވޭ މާހައުލެއް މިހާރު އޮންނާނެ ކަމުގައި ވިދާޅުވި އެވެ.
ކުރީ ސަރުކާރު ނިމުނުއިރު 100 ވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދީ ސަސްޕެންޑްކޮށް ހަދާފައިވާ ކަމަށާ ނަމަވެސް މި ސަރުކާރުގައި ސަރުކާރަށް ފާޑުކީ ނަމަވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ނޯންނާނެ އެއްވެސް ޓީޗަރަކަށް ބިރުވެރިކަމެއް. ހުދު ސަރުކާރަށް ފާޑުކީ ނަމަވެސް. އަޅުގަނޑުމެން މި ގެންގުޅެނީ އޯގާތެރިކަން. ކުލުނުވެރިކަން. ޓީޗަރުންނާ ދޭތެރޭ ބޭއިންސާފުން ކަންކަން ކުރުމުގެ ކަލްޗާ މިހާރު ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް