އަޒަރުބައިޖާންގެ ޕްރައިވެޓް ސްކޫލްތަކުގައި ވެސް ބުރުގާ އެޅުން މަނާކޮށްފި؛ ބުރުގާ ނަގަން ދަރިވަރުންނަށް 20 ދުވަހުގެ މުހުލަތެއް
އަޒަރުބައިޖާންގެ ސަރުކާރު ސްކޫލުތަކުގައި ބުރުގާ އެޅުން މަނާކުރުމަށްފަހު، މިހާރު އެ ޤައުމުގެ އަމިއްލަ ސްކޫލްތަކުގައި ވެސް ބުރުގާ އެޅުން މަނާކުރަން ފަށައިފިއެވެ.
މި ނިންމުމާ ގުޅިގެން ވެރިރަށް ބާކޫގެ އަމިއްލަ ސްކޫލްތަކުން ވަނީ ދަރިވަރުންގެ ބުރުގާ ނެގުމަށް ބެލެނިވެރިންނަށް 20 ދުވަހުގެ މުހުލަތެއް ދީފައެވެ.
ޚަބަރުތައް ބުނާގޮތުގައި، މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާކޫގެ ބައެއް އަމިއްލަ ސްކޫލްތަކުގެ މެނޭޖްމަންޓުން ވަނީ ދަރިވަރުންގެ ބެލެނިވެރިން ސްކޫލަށް ހާޒިރުކޮށް، ދަރިވަރުން ބުރުގާ ނެގުމަށް އަންގާފައެވެ. އަދި މިކަމަށް 20 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ ދަރިވަރުންނަށް ސްކޫލަށް ނާދެވޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
މި ނިންމުމާއެކު، ބާކޫގެ މަޝްހޫރު އަމިއްލަ ސްކޫލްތައް ކަމަށްވާ "ހެދެފް"، "އަތާތުރްކް" އަދި "ސިމުރްގް" ފަދަ ސްކޫލްތަކުން މިހާރު ވަނީ ބުރުގާ އަޅާ އަންހެން ކުދިން އަލަށް ސްކޫލަށް ވެއްދުން މުޅިން ހުއްޓާލާފައެވެ. މީގެއިތުރުން، އެހެން ބައެއް އަމިއްލަ ތަޢުލީމީ މަރުކަޒުތަކުން ވަނީ މިނިސްޓްރީ އޮފް ސައިންސް އެންޑް އެޑިއުކޭޝަންގެ ރަސްމީ އިރުޝާދެއް ލިބެންދެން، އަލަށް ދަރިވަރުން ވެއްދުމުގެ ކަންކަން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
އަމިއްލަ ސްކޫލްތަކަށް މި ފިޔަވަޅު ފުޅާކޮށްފައި މިވަނީ، އަޒަރުބައިޖާންގެ ކެބިނެޓް އޮފް މިނިސްޓަރުން ސެޕްޓެމްބަރު 21 ގައި ފާސްކުރި ޤަރާރަކާ ގުޅިގެންނެވެ. އެ ޤަރާރުގެ ދަށުން، ސަރުކާރުގެ ސްކޫލުތަކުގައި ބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ.
ސަރުކާރު ސްކޫލުތަކުގައި ބުރުގާ މަނާކުރުމާ ގުޅިގެން އަޒަރުބައިޖާންގައި ބޮޑު އިހުތިޖާޖުތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ކްލާސްތައް ބޮއިކޮޓްކުރުމާއި، މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާ ގުޅިގެން އެތައް ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. މުސްލިމް އަޣުލަބިއްޔަތު އޮންނަ އަޒަރުބައިޖާންގައި އިސްލާމީ ޝިޢާރުތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް