ޣައްޒާގައި ބިންގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކަކަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން ނިޔާވެއްޖެ
ޣައްޒާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތުން ދިރިއުޅެމުންދިޔަ ޓެންޓުތަކެއްގެ މައްޗަށް ވެއްޓި، އަންހެނަކާއި ތިން ކުޑަކުދިން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.
މެޑިކަލް އޮފިޝަލުން ބުނިގޮތުގައި، އާދީއްތަ ދުވަހުގެ ރޭ ޣައްޒާގެ މެދުތެރޭގައިވާ ދައިރުލް ބަލަޙްގެ ދެކުނުގައި ހުރި ފޭލިގެތަކުގެ މައްޗަށް ހިލައާއި ވެލި އެކުލެވޭ ބޮޑު ފަސްގަނޑު ކަނޑައިގެންގޮސް ވެއްޓިފައިވެއެވެ. މި ހާދިސާގައި ނިޔާވީ އަންހެނަކާއި އޭނާގެ 8 އަހަރާއި 6 އަހަރުގެ ދެ ދަރިންގެ އިތުރުން 4 އަހަރުގެ އެހެން ކުއްޖެކެވެ. މީގެއިތުރުން އިތުރު ހަ މީހަކު ވަނީ ޒަޚަމްވެފައެވެ.
ހާދިސާ ހިނގި ސަރަޙައްދުގައި މީހުން ސަލާމަތްކުރުމަށްޓަކައި، އާންމު ރައްޔިތުން މަރުތޭލާއި ފަކީރަ ބޭނުންކޮށްގެން ހިލަތައް ތަޅައި، ވެލިތައް ދުރުކުރުމުގެ މަސައްކަތް ރޭގަނޑު ދިޔައީ ކުރަމުންނެވެ. އެ މަންޒަރު ދުށް ސުހައިބު އަބޫ ދަރުބަލީ ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި، ފަސްގަނޑު ކަނޑައިގެން ދިޔަ އަޑު އިވުނީ ބޮމެއް ގޮވި ފަދަ ބާރު އަޑެއްގައެވެ. އަދި ބޮޑު ފަރުބަދައެއް ފަދަ ފަސްގަނޑު ވެއްޓުމުން ތިން ޓެންޓު އެއްކޮށް ވަޅުލެވި، އޭގެ ދަށުގައި ތިބި މީހުން ނުފެންނަ ވަރަށް ބޮޑަށް ފޮރުވިގެން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ޣައްޒާގެ 2 މިލިއަނަށް ވުރެ ގިނަ އާބާދީގެ ބޮޑުބައެއް މިހާރު ދިރިއުޅެމުންދަނީ ފޭލިގެތަކުގައެވެ. ހޮނިހިރު ދުވަހު ބޯކޮށް ވާރޭ ވެހެން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް 70،000 އަށް ވުރެ ގިނަ ޓެންޓުގައި ފެންބޮޑުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދި އދ. ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުނި ގޮތުގައި، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން 26،000 އަށް ވުރެ ގިނަ އާއިލާއިން ވަނީ އެހީއަށް އެދިފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވީ، ރައްޔިތުން ވެލިފަސްގަނޑުތަކުގެ ކައިރީގައި ޓެންޓު ޖަހަނީ އެތަންތަނުން ހިމާޔަތް ލިބޭނެ ކަމަށް ހީކޮށް ކަމަށެވެ. ނަމަވެސް، ޓެންޓުތަކަކީ ވާރެއިންނާއި ހޫނުން ރައްކާތެރިކަން ލިބޭނެ އެއްޗެއް ނޫން ކަމަށާއި، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ޣައްޒާ އަލުން އާރާސްތުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް