ވަޒީފާ ބަހައިގެން ރައީސް ޞާލިޙަކަށް ވެސް ކާމިޔާބެއް ނުވި، މި ސަރުކާރަކަށް ވެސް ނުވާނެ: ނަޝީދު
ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މެކްރޯ އިކޮނޮމިކް ކޮމިޓީގެ ފަރާތުން "ދަރަނި ބޮޑުވެ، ޚިދުމަތް ކުޑަވުން" މި ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ޕްރޮގްރާމަކަށް ދިޔަނަމަ، ދަރަނީގެ ޖުމްލަ ޕްރިންސިޕަލް އަދަދުން ވިއްސަކަށް ތިރީހަކަށް ޕަސެންޓް މަދުވެގެން ދާނެ ކަމަށެވެ. އަދި އިންޓްރެސްޓުން ވެސް ބައެއް އުނިވެ، އިތުރު ގްރޭސް ޕީރިއަޑެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން އެފަދަ ޕްރޮގްރާމަކަށް ނުދިޔައީ، މާލީ ކަންކަން ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ދަތިވާނެތީ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ހާއްސަގޮތެއްގައި ރިކަރަންޓް ހަރަދު މިހާ މަތީގައި ބަހައްޓައިގެން ދަރަނި އަލުން އަނބުރާ އެކުލަވާލަން ދަތިވާނެ. މިހާރު މިހުށަހަޅާފައިވާ ބަޖެޓުގައި ވެސް ރިކަރަންޓް ހަރަދު ހުރީ ހަތްދިހަ ޕަސެންޓް، މުޅި ބަޖެޓުގެ 70 ޕަސެންޓަކީ ރިކަރަންޓް ހަރަދު. ރިކަރަންޓް ހަރަދޭ އަޅުގަނޑުމެން މި ފާހަގަ މިކުރަނީ އެއީ މުސާރައާ ކުރާ ޚަރަދު،"
މިއާއެކު ނަޝީދު ވަނީ އެސްއޯއީ ތަކުގައި މުވައްޒަފުން ގިނަވާތީ އެކަމަށްވެސް ބޮޑު ޚަރަދެއް ދާކަމަށާ އެއީ އިސްރާފްކަން ފާހަގަކުރައްވާފައެވެ.
ބައްލަވާ ރާއްޖޭގެ ރަށެއްގެ އިންޖީނުގެ. އޭގެން އިންޖީނުގެއެއްގައި އެއް މެގަވޯޓް ކަރަންޓް ވެސް ނުއުފައްދާ. އެހެންނަމަވެސް އޭގެން ތަނެއްގައި މަސައްކަތް ކުރަން ތިބެދާނެ ފަންސާސް މީހުން. ރާއްޖޭގެ ރިޒޯޓެއްގައި ފަސް މެގަވޯޓް ކަރަންޓް އުފައްދާއިރުގައި. އޭގެން ރިސޯޓެއްގައި އިންޖީނުގޭގައި މަސައްކަތް ކުރަން ތިބޭނީ ގިނަވެގެން ހަތަރު ފަސް މީހުން. އެހެންވީމަ ކުރެވެމުންދާ އިސްރާފް އިންތިހާއަށް ބޮޑު.
ސަރުކާރުން މިގޮތަށް ވަޒީފާ ދެނީ ވޯޓު ހޯދުމުގެ އުންމީދުގައި ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ވަޒީފާ ބަހައިގެން އެއްވެސް ސަރުކާރަކަށް ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
ސަރުކާރުގެ އުންމީދަކީ މި ދެވޭ ވަޒީފާތަކުގެ ސަބަބުން ސަރުކާރަށް ވޯޓެއް ލިބިދާނެކަމަށް. އެހެންނަމަވެސް ސަރުކާރަށް އެނގިވަޑައިނުގަންނަވަނީ، އެއްވެސް ސަރުކާރަކުން ވަޒީފާ ބަހައިގަނެ ވޯޓެއް ނުލިބުންކަން. 2023 ވަނަ އަހަރަކުވެސް ނުލިބުން. އަދި ލޯކަލް ކައުންސިލް އިންތިހާބުގާވެސް މި ސަރުކާރަކަށްވެސް ނުލިބުން. އަދި ފެންނަ ނުފެންނަ ވޯޓު ނެގި އިރުގަ އެ ކަމަކުންވެސް މި ސަރުކާރަކަށްވެސް ނުލިބުން
މީގެއިތުރުން، އެގޮތަށް ދޭ ވަޒީފާތަކަކީ ދެމެހެއްޓެނިވި ވަޒީފާތަކެއް ނޫން ކަމަށާއި، ހަގީގީ ދެމެހެއްޓެނިވި ވަޒީފާއަކީ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށްގެން އުފައްދާ ވަޒީފާތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް