އެންވީޑިއާ ސީއީއޯ-
އެންވީޑިއާ ސީއީއޯ-
ދުނިޔެ 10 Nov 2026 | 10:23

އެންވިޑިއާގެ ސީއީއޯގެ މިލްކިއްޔާތުން ބައިގަޑިއިރު ތެރޭގައި 7.4 ބިލިއަން ޑޮލަރު ގެއްލި، މަހުޖަނުންގެ ލިސްޓުގެ ފަހަތަށް ވެއްޓިއްޖެ

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގްގެ މިލްކިއްޔާތުން އެންމެ 30 މިނެޓުގެ ތެރޭގައި 7.4 ބިލިއަން ޑޮލަރު ގެއްލި، ފޯބްސްގެ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 10 ވަނައަށް އޭނާ ވެއްޓިއްޖެއެވެ.

މި ބޮޑު ވެއްޓުމާ ގުޅިގެން ހުއާންގްގެ މިލްކިއްޔާތު ވަނީ 162.2 ބިލިއަން ޑޮލަރުން 154.7 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއާއެކު ފޯބްސްގެ ރިއަލް-ޓައިމް މަހުޖަނުންގެ ލިސްޓުގައި ކުރިން 8 ވަނައިގައި އޮތް ހުއާންގް ވަނީ ވޮރެން ބަފެޓް އަދި ލެރީ އެލިސަންގެ ފަހަތަށް، 10 ވަނައަށް ސޮއްސާލައިފައެވެ. އަދި ހިއްސާގެ ބާޒާރު ހުޅުވުނު ވަގުތު ކުންފުނީގެ ހިއްސާގެ އަގު 7 އިންސައްތައަށް ވެއްޓުމާ ގުޅިގެން ވަގުތީ ގޮތުން އޭނާ ގަދަ 10 އިން ވެސް ބޭރުވިއެވެ. އެ ވަގުތު އޭނާގެ މިލްކިއްޔާތުން 10.3 ބިލިއަން ޑޮލަރު އުނިވިއެވެ.

އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ޗައިނާގެ ޖާސޫސްކަމަށް ތުހުނަތުވާ މީހާއާއެކު
އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ޗައިނާގެ ޖާސޫސްކަމަށް ތުހުނަތުވާ މީހާއާއެކު

އެންވިޑިއާގެ ހިއްސާގެ އަގު މިގޮތަށް ވެއްޓެން މެދުވެރިވީ ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ހުއާންގްއާ ދެމެދު އޮތް ގުޅުމެއް އެ ކުންފުނިން ތަހުގީގު ކުރަން ފެށުމާ ގުޅިގެންނެވެ. މީގެ އިތުރުން، އޭނާ ކައިވެނިން ބޭރުން ނަހަމަ ގުޅުމެއް ހިންގި ކަމަށް އަމިއްލައަށް އިއުތިރާފުވެ، މުވައްޒަފުންގެ ކިބައިން މާފަށް އެދިފައިވާ ދަނޑިވަޅެއްގައެވެ. ކުންފުނީގެ ބޯޑުން މިހާރު ވަނީ މިކަން ތަހުގީގު ކުރުމަށް މިނިވަން ކޮމިޓީއެއް އެކުލަވާލައިފައެވެ. ނަމަވެސް، އެމެރިކާގެ ގައުމީ ސަލާމަތަށް ނުވަތަ ކުންފުނީގެ ސިއްރުތަކަށް މިކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެންވިޑިއާއިން ބުނެއެވެ.

ދަ ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ވާގޮތުން، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ހުއާންގް އާއި އެލިސް ހުއާންގް ކިޔާ ޗައިނާގެ އަންހެނަކާ ދެމެދު ގާތް ގުޅުމެއް އޮތްކަން ދެނެގަނެފައެވެ. އެލިސްއަކީ ޗައިނާގެ ޖާސޫސީ ވުޒާރާއަށް މައުލޫމާތު އެއްކުރުމަށް ރެކްރޫޓްކޮށްފައިވާ މީހެއް ކަމަށް ތުހުމަތުކުރެވެއެވެ. ސިންގަޕޫރުގެ މެގަސްޕީޑް ކުންފުނީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އެލިސް، އޭއައި ޗިޕް އުފައްދާ އެހެން ކުންފުނިތަކުގެ ވެރިންނާ ވެސް ގުޅުން ބާއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖެންސެން ހުއާންގްގެ ދިފާއުގައި ވާހަކަދައްކާފައެވެ. އެގޮތުން އޭނާއަކީ "އަބުރުވެރި" މީހެއްގެ ގޮތުގައި ސިފަކުރަމުން، ކުރިއަށް އޮތް ޗައިނާ ދަތުރުގައިވެސް ހުއާންގް ބައިވެރިކުރާނެ ކަމަށް ބުންޏެވެ. ހުއާންގްއަކީ މިހާރު ޓްރަމްޕްގެ ޓެކްނޮލޮޖީ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ މީހެކެވެ.

ހިއްސާގެ އަގު ވެއްޓުމާއެކު، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމަށް އެޕަލްއާ ވާދަކުރަމުން އަންނަ އެންވިޑިއާގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 4.5 ޓްރިލިއަން ޑޮލަރުން ދަށަށް ގޮސްފައެވެ. މި ހާދިސާ ހިނގާފައި މިވަނީ އެ ކުންފުނީގެ މާލީ އަހަރުގެ ދެވަނަ ކުއާޓާގެ އާމްދަނީ އާދަޔާ ހިލާފަށް އިތުރުވެ، ކުރިއަށް އޮތް ކުއާޓާގެ މާލީ ހިސާބުތައް އަންނަ އަންގާރަ ދުވަހު އާންމުކުރަން ތައްޔާރުވަމުން ދަނިކޮށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް