ރަޝިޔާއާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް އެއްވެސް ބަދަލެއް ނުގެންނަން: ބީއެމްއެލް
ރަޝިޔާއަށް ފައިސާ ފޮނުވުމަށާއި އެ ޤައުމުން ރާއްޖެއަށް ފައިސާ ފޮނުވުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެފަދަ މުޢާމަލާތްތައް މެދުކަނޑާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާއާ އެކު ކުރެވޭ ފައިސާގެ މުޢާމަލާތްތައް ހުއްޓާލާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ބޭންކުން އެއްވެސް ރަސްމީ ބަޔާނެއް ނެރެފައި ނުވާނެ ކަމަށާއި، އެއްވެސް މީޑިއާއަކަށް މިފަދަ މަޢުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި ރަޝިޔާއިން ފޮނުވާ ނުވަތަ އެ ޤައުމާ ގުޅުންހުރި ފައިސާގެ އެއްވެސް މުޢާމަލާތެއް ހަނިކުރުމަށް އެ ބޭންކުން އެއްވެސް ސިޔާސަތެއް ކަނޑައަޅައި، ޢަމަލުކުރަމުން ނުދެއެވެ.
ނަމަވެސް، އެހެން ބޭންކުތަކެކޭ އެއްފަދައިން ބޭރު ފައިސާގެ، ޚާއްޞަކޮށް އެމެރިކާ ޑޮލަރުގެ މުޢާމަލާތްތައް ކްލިއަރކޮށް ސެޓްލް ކުރުމުގައި ބީއެމްއެލްއިން ވެސް ބަރޯސާވަނީ ބައިނަލްއަޤްވާމީ ކަރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށް ސަޢީދު ވިދާޅުވިއެވެ. އެގޮތުން، އެ ބޭންކުތަކުން މުޢާމަލާތްތައް ފުރިހަމަކުރުމުގައި އެ ފަރާތްތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް އުސޫލުތަކަށް ބަލައި، ފައިސާ ފޮނުވާ އަދި ލިބޭ ފަރާތްތަކަކީ ކޮބައިކަން ކަށަވަރުކުރާ ކަމަށް ބޭންކުން ބުންޏެވެ.
މި އުސޫލުތަކުގެ ތެރެއިން ވަކި މުޢާމަލާތެއް ބަލައިނުގަތުމަށް ނުވަތަ އަނބުރާ ފޮނުވާލުމަށް ނިންމާނީ ކަރެސްޕޮންޑެންޓް ބޭންކުތަކުން ކަމަށާއި، އެފަދަ ނިންމުންތަކަށް ބީއެމްއެލްއިން ތަބާވާންޖެހޭ ކަމަށް ވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، މިފަދަ ޙަޤީޤަތާ ޚިލާފު ޚަބަރުތައް ފެތުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެ ކަމެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް