ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވުމަށް ތުރުކީވިލާތުން ފެށި "ޒީރޯ ވޭސްޓް" ހަރަކާތައް ބޮޑު ސަމާލުކަމެއް
ކާބޯތަކެތި އިސްރާފުވިޔަނުދީ ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ތުރުކީވިލާތުން އަދާކުރަމުންދާ އިސް ދައުރަށް ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައި ވާހަކަދައްކަވަމުން، އެމެރިކާގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ރީފެޑް" ގެ އިސްވެރިޔާ ޑޭނާ ގަންޑާސް ވަނީ، މި މައްސަލައިގައި ދުނިޔޭގެ ޤައުމުތައް އެއްބާރުލުން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މި މައުޟޫޢަށް ޚާއްޞަ ސަމާލުކަމެއް ހޯއްދަވައިދެއްވުމުގައި ތުރުކީވިލާތުގެ ފަސްޓް ލޭޑީ އެމިނޭ އުރުދުޣާން އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރައްވާފައެވެ.
ކާބޯތަކެތި ބޭކާރުވިޔަނުދީ ހިފެހެއްޓުމުގެ މުހިންމުކަމާމެދު ދުނިޔޭގެ ސަމާލުކަން ހޯދުމުގައި ތުރުކީވިލާތުން އިސްނަގައިގެން ކުރިއަށްގެންދާ "ޒީރޯ ވޭސްޓް" ހަރަކާތަކީ ނަމޫނާ މަސައްކަތެއް
ކާބޯތަކެތި އިސްރާފުވުން ކޮންޓްރޯލްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ގަންޑާސް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަސްޓަމަރުން މުދަލަށް އެދޭނެ މިންވަރު ދުރާލައި ލަފާކުރެވޭނެ ނިޒާމުތައް ޤާއިމުކުރެވިދާނެ ކަމަށެވެ. މީގެ ސަބަބުން ބޭކާރު ގޮތުގައި މުދާ ގަތުމާއި ތަކެތި އުކާލަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވޭނެއެވެ. މީގެއިތުރުން، ބާކީވާ ކާބޯތަކެތި އުކާނުލައި، އަގުހެޔޮކޮށް ވިއްކުމަށް މަގުފަހިކޮށްދޭ މޯބައިލް އެޕްލިކޭޝަންތަކަކީވެސް މިކަމަށް އޮތް ޢަމަލީ އަދި ދެމެހެއްޓެނިވި ޙައްލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޤައުމުތަކުން ކަނޑައަޅާ "ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް" (އެންޑީސީސް) ޕްލޭންތަކުގައި، ކާބޯތަކެތި އިސްރާފުވުން މަދުކުރުމުގެ ލަނޑުދަނޑިތައް ހިމެނުމަށްވެސް ގަންޑާސް ވަނީ ގޮވާލައްވާފައެވެ. އަދި ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މިފަދަ މަޝްރޫޢުތަކަށް އެހީތެރިކަމާއި ފަންޑު ފޯރުކޮށްދިނުން އަވަސްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ގަންޑާސްގެ ވާހަކަ ނިންމަވާލައްވަމުން ފާހަގަކުރެއްވީ، ކާބޯތަކެތި އިސްރާފުވުމުގެ މައްސަލަ ޙައްލުކުރާނެ ވަސީލަތްތަކާއި އުކުޅުތައް މިހާރުވެސް ދުނިޔެއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ ޙައްލުތައް ފުރިހަމައަށް ތަންފީޛުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަށޭނަ މާލީ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ނުލިބުން ކަމަށްވާތީ، މި ދާއިރާއަށް ބޭނުންވާ ފައިސާ ހޯދުމަށް ދުނިޔޭގެ ޤައުމުތައް ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް