ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން: ވަޒީރު ޝިޔާމް
ސިޔާސީ ވާދަވެރިންގެ އަމާޒަކީ ދިވެހިރާއްޖެއަކީ އަބަދުވެސް އަވައްޓެރިންނާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި އެހީއަށް އެދި ސަލާންޖަހާ ނިކަމެތި ގައުމެއްގެ ގޮތުގައި ބޭއްވުން ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ގައުމީ ކޮންމެ ކަމެއްގައިވެސް އެންމެ އިސް ސަފުގައި ދެމިހުންނަވާނެ ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް ފެނިގެންދިޔައީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލައިގެން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒުކޮށް ކެމްޕޭން ފެށި މަންޒަރު ކަމަށާއި، އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތަށް ތައުރީފު ކުރައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖޭގެ ވެރިކަމުގެ 5 އަހަރުގެ ދައުރެއްގައި އިސްލާމީ އުސޫލުތަކަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، ގައުމީވަންތަކަން އެންމެ ބޮޑަށް ކުރިއަރުވާނެ ވެރިޔާ ކަމަށެވެ. މީގެއިތުރުން، ފަލަސްޠީނުގެ އަހުންނާއި އުހުތުންނާ ދެކޮޅަށް އިޒްރޭލުގެ ޒަޔަނިސްޓުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖެހިލުންވުމެއް ނެތި، މާނަވީ ގޮތެއްގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ ލީޑަރަކީވެސް ރައީސް ޑރ. މުޢިއްޒު ކަމުގައި ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅުންހުރި މުހިންމު ކަންކަން، ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ސިއްރުކޮށްގެން މީގެކުރިން ހިންގާފައިވާ ފަރާތްތަކުން، މިއަދު ދީނާއި ގައުމުގެ ދިފާއުގައި ވާހަކަދެއްކި ނަމަވެސް، އެބޭފުޅުންގެ ސިޔާސީ އަޑިނޭނގޭ މަގުސަދުތައް ރައްޔިތުންނަށް ވަރަށް ސާފުވާނެއެވެ.
"ދިވެހީންގެ މާތްވެގެންވާ އިސްލާމްދީނާއި، ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަޔަނުދީ، އެ ޙައްޤުތައް ޙިމާޔަތްކޮށް ދަމަހައްޓާނީ އަޅުގަނޑުމެން،"
މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ބޮޑެތި ސިޔާދަތީ ދަރަނީގެ ތެރެއިން 1.9 ބިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން މިހާތަނަށް ހަލާސްކޮށް، ގައުމު ދަރަނީގެ ނުރައްކާތެރި ދަންތުރައިން ސަލާމަތްކޮށްދީފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ މާލީ ރޭޓިން ރަނގަޅުކޮށްފައިވާއިރު، އޭގެ ހެޔޮ ނަތީޖާއެއްގެ ގޮތުން ބިލިއަން ޑޮލަރުގެ ބޮޑެތި ބޭރުގެ އިންވެސްޓްމަންޓުތައް ރާއްޖެއަށް ލިބެން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މަސްރޫއެއްގެ ބިޔަކަމުން ނުވަތަ މާލީ މަންފާއަކަށްޓަކައި ވިޔަސް، ދިވެހިންގެ ދީނާއި، ގައުމީ ސަގާފަތާއި، ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލާ އެއްވެސް ފަރާތަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، ކަރާމާތްތެރި އަދި އަބުރުވެރި ބަޔަކަށް ހައްދަވައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އީގަލް ހިލްސް ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވާ "ރަސްމާލެ" މަޝްރޫއަކީ ދިވެހި ތާރީހުގައިވެސް ހިންގޭނެ އެންމެ ބިޔަ މަޝްރޫއުކަން ފާހަގަކުރައްވަމުން، އެއީ ރާއްޖޭގެ އިގްތިސާދީ އޮނިގަނޑު މުޅިން އާ އުސްމިންތަކަކަށް ގެންގޮސްދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އުޖާލާކޮށްދޭނެ އުންމީދީ ބޮޑު މަޝްރޫއެއް ކަމުގައި ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް