46 ވަނަ މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިތުރުކޮށްފިއެވެ.
މިގޮތުން، މި އެވޯޑުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މި އިއުލާނާ ގުޅިގެން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އޭގެ ތެރޭގައި 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅުންނާއި، 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅުންގެ އިތުރުން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަ އެވޯޑުތައް ހިމެނެއެވެ.
މި އެވޯޑުތަކުގެ ތެރެއިން ޒުވާން ކެޔޮޅުގެ އެވޯޑާއި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން އެއްވެސް މަސައްކަތެއް ނުކުރާ ފަރާތްތަކަށްކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ ފަރުމަހުގެ މަސްވެރިކަން ކަމުގައިވާ ހިދުމަތްތެރި ފަރުމަސްވެރިއަކަށް ދޭ އެވޯޑާއި، މަސްވެރިކަމުގައި ޢަމަލީގޮތުން އުޅެމުންދާ ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑުވެސް މި ފުރުސަތުގެ ތެރޭގައި ހިމެނެއެވެ.
މި އެވޯޑުތަކަށް އެދި ހުށެއެޅުމަށް ބޭނުންވާ ފޯމުތައް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް އީމެއިލް ކުރުމުންނެވެ.
މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑުތަކެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް