48 ގަޑިއިރު ވެއްޖެ، ލުތުފީއެއް ނުގެނެވުނު
ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ''ބާޣީ'' އަދި 3 މޮވެންބަރުގެ އުދުވާނުގެ މޭސްތިރި ކަމަށްވާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ގެންނާނެ ކަމަށް ސަރުކާރުން ބުނި 48 ގަޑިއިރު ހަމަވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2009 ގައި ޖަލުން ފިލައިގެން ދިޔަ ލުތުފީ، 8 އަހަރު ވަންދެން އުޅުނީ ލަންކާގައި ފިލައިގެންނެވެ. ލުތުފީ ހޯދަން ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތްކޮށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. އަދި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވަނީ ލުތުފީ ހޯދި ފަރާތަކަށް 1000 ޑޮލަރުގެ ފައިސާ އިނާމެއް ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް މީހަކަސް ލުތުފީއެއް ނުފެނުނެވެ. ލުތުފީ ފާޅުވީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެގަުމުގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި މީހުން އުޅޭ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފެށިފަހުންނެވެ. ދެންވާ ސަލާމަތްނުވާނެކަން ޔަގީން ވުމުން ލުތުފީ ލަންކާ ފުލުހުންނަށް ފިލަންވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށެވެ.
އެމްބަސީގައި އޭނާ ހުންނަތާ ދެމަސްވީއެވެ. ދެމަސް ފުރެން ްކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް، އުމަރު ނަސީރު ވަނީ ލުތުފީ ހުރީ ލަންކާގެ އެމްބަސީގައިކަން މީސް މީޑިއާގައި ހާމަކުރައްވާފައެވެ. އޭގެ ތިން ދުވަސް ފަހުން އެމައްސަލައިގައި ސަރުކާރުން ޖަވާބު ދިން އިރު ރާއްޖޭގެ މީޑިއާގެ ފަލަ ސުރުހީގައި އޮތީ ދިވެހިންގެ އެންމެ ބޮޑު ޚާއިނު ދިވެހި އެމްބަސީގައި ގެންގުޅޭ ވާހަކައެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގިއެވެ. ރަޖިސްޓްރީވާން ގޮސްފިނަމަ ހައްޔަރުވެދާނެ ކަމުގެ ބިރަށް އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެއަށް ވަދެގެންނެވެ. އެތަނުގައި އުޅުނީ ވަރަށް އުފަލުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އެންމެ ފަހުން ސަރުކާރުން ބަޔާނެއް ނެރެ، ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާއަކީ ފިލައިގެން އުޅޭ މީހަކަށްވެފައި ލިޔެކިއުންތައް ފުރިހަމަ ނުވާތީ ކަމަށެވެ. ނަމަވެސް އެކަން ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ.
ފުލުހުންވެސް ބުނެފައިވަނީ 48 ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން މިހާރު މިވަނީ 48 ގަޑިއިރު ހަމަވެފައެވެ. ލުތުފީއެއް ނުގެނެވުނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް