މަންޓާއިން ދިވެހި ޒުވާނުން ތަމްރީންކުރަނީ
ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ އެއާލައިނެއް ކަމުގައިވާ "މަންޓާ އެއާ" އިން ދިވެހި ޒުވާނުންނަށް ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ތަމްރީން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މަންޓާއިން މިއަދު ވަނީ އެކަމާއި ގުޅޭގޮތުން ޔުނިސެފާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މަންޓާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޚަލީލެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޑރ.މުނީރު ސަފީލްދީނެވެ.
މި އެއްބަސްވުމުގެ ދަށުން 12 ޒުވާން ކުދިންނަށް މަންޓާ އެއާގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށް ތަމްރީންވުމުގެ ފުުރުސަތު ވަނީ ދޭން ނިންމާފައެވެ.
މަންޓާ އެއާއިން މައުލޫމާތު ދޭގޮތުގައި މިކަމުގެ މަގުސަދަކީ އެއާލައިން ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މި ފަރާތްތައް މަންޓާގައި ހަރަކާތްތެރި ވަމުންދާނީ އެތަނުގެ ސްޓާފުންގެ ބެލުމުގެ ދަށުންނެވެ.
މީގެ އިތުރުން މި އެއްބަސްވުމުން މަންޓާގެ އިންފްލައިޓް މެގަޒިންތަކުގައި ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި ވާހަކަތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް