ފިލިޕީންސް އިން އަސްކަރީ ތަމްރީނުތަކެއް ބޭއްވީ ޗައިނާ ރޭރުކުރުވަން؟
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއާއި ސަރަހައްދުގެ އެހެން ގައުމުތަކާ ދެމެދު ދެބަސްވުން އުފެދިފައިވަނިކޮށް، ފިލިޕީންސްއިން ސްކާބޮރޯ ޝޯލް ކައިރީގައި އަސްކަރީ ތަމްރީނުތަކެއް ހަދައިފިއެވެ.
ފިލިޕީންސް ސަރުކާރުން ހުކުރު ދުވަހު ބުނީ ފިލިޕީންސްގެ ސަރަހައްދީ އިމުގެ ތެރޭގައި އެގައުމުން ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައިވާ ކަމަށެވެ. އެ ސަރަހައްދަކީ ޗައިނާއިންވެސް މިލްކުވެރިކަމާމެދު ދައުވާކުރާ ސަރަހައްދެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ތަމްރީނުތައް ބޭއްވުމުގެ އެއް ދުވަސްކުރިން، ދެގައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތަކާއެކުވެސް ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ހޯދުމަށް މެނީލާއާއި ބެއިޖިންގ އާދެމެދު މަޝްވަރާކުރެވުނެވެ.
ފިލިޕީންސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އެގައުމުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގައި މަނަވަރަކާއި، 2 ޕެޓްރޯލް އުޅަނދު ބައިވެރިވެއެވެ. ތަމްރީނުތައް ކުރިއަށްދާނީ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަސްކަރީ ތަމްރީނުތައް ފިލިޕީންސްއިން ކުރިއަށްގެންދިޔައިރު، ޗައިނާގެ ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު އޮތީ އެސަރަހައްދުގައެވެ. މިދިޔަ ހަފްތާ ނިމިގެން ދިޔައީ އެ އުޅަނދުގެ މައްސަލައިގައި ފިލިޕީންސްއިން ކަންބޮޑުވުންފާޅުކޮށް، ދެގައުމުން ބަހުގެ ހަމަލާތައް ބަދަލުކުރުމަށްފަހު އެވެ. ދެކުނު ޗައިނާ ކަނޑުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ނިޔަތެއް ޗައިނާގެ އޮތްނަމަ، ފިލިޕީންސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދަށް އެގޮތަށް ނުވަންނާނެކަމަށް ފިލިޕީންސްއިން ބުރާސްފަތި ދުވަހު ބުންޏެވެ.
މުޅި ދެކުނު ޗައިނާ ކަނޑުގެ މައްޗަށް ޗައިނާއިން ދައުވާކުރާއިރު، 2016 ވަނަ އަހަރު ބައިނަލްއަގްވާމީ ޓްރައިބިއުނަލަކުން ވަނީ މުޅި ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ތަނެއް ނޫންކަމަށް ނިންމާފައެވެ. އެހެންނަމަވެސް ޗައިނާއިން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގެ ނިންމުން ބަލައިނުގަނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް