އުރީދޫން ޤައުމީ އެއާ އެމްބިއުލާންސް ހިދުމަތަށް، 16 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އުރީދޫ މޯލްޑިވްސްގެ ފަރާތުން، ޤައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް 16 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިފަހަރު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ، ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމަށް ބޭނުންވާނެ ތަކެއްޗެވެ.
އުރީދޫގެ މި އެހީއާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މިއަދު އުރީދޫއިން އެއާރ އެމްބިއުލާންސް ޚިދުމަތަށްފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެތްކެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުންމީދު ކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި އުރީދޫ ނަމޫނާއަކަށް ބަލާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި، އުރީދޫގެ މި އެހީއަކީ ސިއްހީ ނިޒާމް ކުރިއެރުވުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
ދިވެހި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން . ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި
މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ އުރީދޫގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓުން ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ޞިއްޙީ ޚިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ޤައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް
ސީއީއޯ، ޙާލިދް އަލް-ހަމާދީ
އުރީދޫއިން ބުނީ މިއީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި، ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރގެ މައިގަނޑު އެއް ތަނބު ކަމަށެވެ. އުރީދޫއިން ވަނީ މީގެ ކުރިން އެއާ އެމްބިއުލާންސް ފެށުނުއިރުވެސް ހިދުމަތަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

އެއަރ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސް ގައި، 517 ޕޭޝަންޓުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސްދެވިފައެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް