ކޮއްކޮ ދެރަވޭ: ދަރިންނަށްޓަކައި މަންމައިންތަކެއް ހިންގާ ވަރުގަދަ ކެމްޕެއިންއެއް!
ކޮންމެ ދެމަފިރިޔަކުވެސް ޒަވާޖީ ހަޔާތުގެ ގޮށްޖަހައި، އުފާވެރި ދިރިއުޅުމެއް ފަށާނީ އާއިލާއެއްގެ ހައިސިއްޔަތުން މުޖުތަމައުގައި ހަރަކާތްތެރިވުމުގެ އުންމީދުގައެވެ. އެ އުންމީދު އާރާސްތުކޮށްދީ އެކަމަށް ބާރުލައިދޭ އެންމެ މުހިންމު އެއް ފަރާތަކީ އެ އާއިލާއިން ހޯދާ ކުދިންނެވެ. ކޮންމެ ކުއްޖަކުވެސް ދުޅަހެޔޮ ސިއްހަތެއްގައި އުޅެބޮޑުވުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްވެސް ދެލޯ ނޭދި ކުރާނެ އުންމީދެވެ. ނަމަވެސް ތަގުދީރުގައިވާ ގޮތުން ބައެއް ފަރާތްތައް އެ އުންމީދު ހާސިލްކުރުމަށް އިތުރު ހިތްވަރެއްލާން ޖެހެއެވެ. އާދެ، އެއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނެވެ.
އެފަރާތްތަކުން ރެޔާއި ދުވާލު އެކުދިންނަށްޓަކައި ހޭހަންކޮށްދީ، ލޯތްބާއި އަޅާލުން ފޯރުކޮށްްދެމުން ދަނީ އެކުދިންގެ މުސްތަގްބަލް އުޖާލާކޮށްދިނުމަށެވެ. މިކަމަކީ އެފަދަ ކުދިންގެ މައިންބަފައިންނަށް އެކަނި ކޮށްދެވޭނެ ކަންކަމެއް ނޫނެވެ. މި ކަންކަން ކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، މުޖުތަމައުގެ އަމިއްލަ އަފްރާދުންވެސް ގުޅި ލާމެހިގެން މަސައްކަތް ކުރަންޖެހެއެވެ. ފަރުދުންނާއި މުއައްސަސާތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ. އެހެނަަސް ބައެއް ފަރާތްތަކުން މި އިޖްތިމާއީ ޒިންމާއާއި މެދު ޣާފިލްވެފައިވާ ފަދައެވެ.
ނަމަވެސް މިފަދަ ފަރާތްތައް ޣާފިލްކަމުން ހޭލައްވައިިދިނުމަށް، ޚާައްސަ އެހީއަށް ބޭނުންވާ ކުދިންގެ ހިތްވަރުގަދަ މަންމައިންތަކެއް ތެދުވެއްޖެއެވެ. ކޮއްކޮ ދެރަވޭ ނަމުގައި އެ މަންމައިން ފެއްޓި ކެމްޕެއިނުން އެފަދަ ކުދިންގެ ހާލުގެ ދުލުން އެދޭ އެދުންތަކާއި ބަޔާންކޮށްްދޭން ދަތި އިހުސާސުތައް، ފޭސްބުކް ސްޓޭޓަސްތަކެއްގެ ޒަރިއްޔާއިން ދަނީ ފޯރުކޮށްދެމުންނެވެ.
ވޮއިސްއަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި މި ހަރަކާތް ފެއްޓި ބެލެނިވެރިން ބުނިގޮތުގައި މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުތަކާއި އެކުދިން ބޭނުންވާ ވަސީލަތްތަކާއި މެދު އާންމުންނާއި ދައުލަތުގެ އިދާރާތައް ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ހިންގޭ ކެމްޕެއިންއެކެވެ.
"ހޭޝްޓެގް މިކުރަނީ އެކުދިންނަށް ދެރަވާ ކަންތައްތައް. އަދި ހުރި ދަތިތައް"، ބެލެނިވެރިޔަކު ބުންޏެވެ. މިގޮތުން މި ބެލެނިވެރިން މި ވަނީ ދެ ދާއިރާާއަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ސަމާލުކަމާއި ހައްގުތައް ލިބެންޖެހޭނެކަމަށް ފާހަަގަކޮށްފައެވެ. އޭގެ ތެރެއިން ސިއްހީ ނިޒާމު ފާހަގަކޮށްލެވެއެވެ.
އަތޮޅު ތެރޭގެ ގިނަ ރަށްރަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބެންޖެހޭ އެކަށީގެންވާ ސިއްހީ ފަރުވާތައް ނުލިބުމުން އެފަދަ ކުދިންގެ މައިންބަަފައިންވެސް ހިޖުރަކުރަން ޖެހެނީ ތޮއްޖެހިފައިވާ މާލެއަށެވެ. މާލެއަށް ނިސްބަތްވާ ފަރާތްތަކަށްވެސް އަތްނުފޯރާ މިންވަރަށްް މާލޭގައި ދިރިއުޅުމުގެ އަގުތައް ހުރިއިރު، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭންޖެހޭ ސިއްހީ ފަރުވާތައް ހިލޭ ލިބެމުންދަނީ ހަމައެކަނި ސަރުކާރުގެ އައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ. ނަމަވެސް އެތަނުގެ ޚިދުމަތްތައްވެސް، ޑިމާންޑާއި އަޅާބަލާއިރު ނުފުދޭކަމަށް ކޮއްކޮދެރަވޭ ކެމްޕެއިންގައި ހިމެނޭ މަންމައިން ފާހަަގަކުރެއެވެ. އެފަރާތްތަކުން ބުނާގޮތުގައި އައިޖީއެމްއެޗްގައިވެސް މަސައްކަތްކުރަނީ ތިން ސްޕީޗް ތެރަޕިސްޓުންނާއި އެއް އޮކިއުޕޭޝަނަލް ތެރަޕިސްޓުންނެވެ. ނަމަވެސް މި ފަރާތްތަކަށް އާންމުކޮށް ދިގު ވެއިޓިންގް ލިސްޓެއް އޮންނަކަމަށް ބެލެނިވެރިން ވަނީ ފާހަަގަކޮށްފައެވެ.
"ވެއިޓިންގް ލިސްޓްގައި އިންނަންޖެހޭ މަދުވެގެން ހަ މަސް ވަންދެން. އެވަރަށް ކުދިން އެބަތިބި. ޑޮކްޓަރުން އެބަބުނޭ ހަފްތާއަކު މަދުވެގެން ތިންދުވަހު ސެޝަންތައް ނަގައިދޭން ޖެހޭނެކަމަށް. އަތޮޅު ތަކުގައި ތެރަޕީ ނުދެވޭތަނުގައި އެސެސްވެސް ނުކޮށްދޭ"، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމައަކު ބުންޏެވެ.
ފާހަގަކޮށްލެވޭގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖެންޑަރ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ޖެނުއަރީމަހުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީތައް ހިލޭ ފޯރުކޮށްދެއްވަން ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އެކަމަށް އަމަލީ ފިޔަވަޅެއް ފެނިފައިނުވާކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކުދިންނަށް ބޭނުންވާ ކަންކަން ބަލައި، ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"މިއީ ބޮޑު މަސައްކަތެއް. ނަމަވެސް މި ސަރުކާރުން އެކަން ހާސިލްކުރާނެ"، އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮއްކޮދެރަވޭ ކެމްޕެއިންގައި ހަރަަކާތްތެރިވާ ފަރާތްތަކުން ވަނީ ޚާއްސަ އެހިީއަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުންދާ 2000ރުފިޔާގެ އިނާޔަތަކީ އެކުދިންގެ ބޭނުންތައް ފުއްދުމަށް މާ ކުޑަ އަދަދެއްކަމަށް ވަނީ ބުނެފައެވެ.
ސިއްހީ ޚިދުމަތްތަކަކީ ދިވެހި ރައްޔިތަކަށް ވީތީ ދައުލަތުން ފުރިހަމަކަމާއި އެކު ފޯރުކޮށްދޭންޖެހޭނެކަަމެެވެ. ނަމަވެސް ފެންނަމުންދާ ހިތާމަވެރި މަންޒަރަކީ ކުދިންގެ އަސާސީ ހައްގުތަކެއް ހޯދުމަށްޓަކައި މަންމައިންތަކެއް ކަރުނައިގެ އާދޭސް ކުރަމުންދާ މަންޒަރެވެ. އެ މަންމައިންގެ ދަރިންނަށް ފަށުވިކަމާއި އެކު ނުބުނެވޭ ބަސްތައް، އެ މަންމައިންގެ ކެމްޕެއިނުން ހާމަކުރަމުންދާތަނެވެ. މި އަންހެންވެެރިންގެ ކުށަކީ ކޮބައިތޯއެވެ؟ އުފާވެރި މުސްތަގްބަލެއްގެ އުންމީދު ދެކުންހެއްޔެވެ؟ އެ އުންމީދު ހާސިލްކުރުމަށް އަމިއްލަ މާލީ ހާލަތު ތަން ނުދިނުން ބާވައެވެ؟
"ވާހަކަ ދެއްކޭނެ. މިއީ ވަރަށް އަސަރުކުރާކަމެއް. މި ކުދިން ދުނިިޔެއަށް އައީ އަހަރެމެން ދަރިން ބޭނުންވެގެން. އެ ކުދިން އަމިއްލައަށް ބޭނުންވެގެންނެއް ނޫން. މީގަ އެއްވެސް މީހެއްގެ ކުށެއް ނެތް. އެކަމު އެ ކުއްޖާގެ އަސާސީ ބޭނުންތައް ނުވެ މި ދަނީ. މައި ލަގޮނޑިއަށް ކެތްވާނެތަ؟ ނުވޭ"، ކޮއްކޮ ދެރަވޭ ކެމްޕެއިންގައި ހަރަކާތްތެރިވާާ މަންމައަކު ބުންޏެވެ.
އަންހެނުންގެ ދުވަހުގައި އަޅުގަނޑުމެން އަގުވަޒަންކޮށް ސެލިއުޓްކުރަންޖެހޭ ކަނބަލުންގެ ލިސްޓްގައި ކޮއްކޮދެރަވޭ ކެމްޕެއިންގައި ހަރަކާތްތެރިވަމުންދާ ހިތްވަރުގަދަ މަންމައިން ހިމެނެއެވެ. އެ މަންމައިން އެ ގުރުބާނީތައް އެ ވަނީ ހަމައެކަނި އެފަރާތްތަކުގެ ދަރިންނަށް ނޫނެވެ. އަންނަން އޮތް ޖީލުތަަކަށްވެސް ހިމެނިގެންނެވެ. ކުށަކާ ނުލައި ބަޔަކު އަސާސީ ހައްގަކުން މަހުރޫމްވިޔަ ނުދިނުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް