ހާޝިމް ތާޗީ.. ފޮޓޯ: ގެޓީ
ހާޝިމް ތާޗީ.. ފޮޓޯ: ގެޓީ
ދުނިޔެ 16 Sep 2026 | 16:54

ހަނގުރާމައިގެ ކުށް ސާބިތުވެ ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ދަ ހޭގް، ނެދަލޭންޑްސް – ސާބިއާގެ ކިބައިން މިނިވަންވުމަށް ކޮސޯވޯއިން ކުރި ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ސާބިތުވެ، އެ ގައުމުގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށްލުމަށް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ކޮސޯވޯ ސްޕެޝަލިސްޓް ޗޭމްބާސް (ކޭ.އެސް.ސީ) އިން ހުކުމްކޮށްފިއެވެ.

އުމުރުން 58 އަހަރުގެ ތާޗީގެ މައްޗަށް މި ހުކުމް އިއްވީ 1990 ގެ އަހަރުތަކުގައި ހިނގި ހަނގުރާމައިގައި، ކޮސޯވޯ ލިބަރޭޝަން އާމީ (ކޭ.އެލް.އޭ) ގެ އިސް ކޮމާންޑަރުގެ މަގާމުގައި ހުރިއިރު ހިންގި މީހުން މެރުމާއި، އަނިޔާކުރުމާއި، އަދި ގާނޫނާ ހިލާފަށް މީހުން ބަންދުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ހާއްސަކޮށް، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކާއި ސާބިއާގެ ސަލާމަތީ ބާރުތަކަށް ވާގިވެރިވާ ކަމަށް ބެލެވުނު 96 މީހަކު މަރާލުމުގެ ޒިންމާ ތާޗީ އުފުލަންޖެހޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.

ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސް ފަނޑިޔާރު ޗާލްސް ސްމިތު ހުކުމް އިއްވަވަމުން ދިޔައިރު، ތާޗީ ކޯޓުގައި ހުރީ ހިމޭންކަމާއެކުގައެވެ. އޭނާ ވަނީ ޝަރީއަތުގެ މަރުހަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

ތާޗީގެ އިތުރުން، ކޭ.އެލް.އޭ ގެ ކުރީގެ އިސް ތިން ކޮމާންޑަރެއްގެ މައްޗަށް ވެސް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައެވެ. އެގޮތުން ޔާގޫބް ކްރަސްނީގީ 25 އަހަރަށް، ގާދްރީ ވެސޭލީ 18 އަހަރަށް، އަދި ރެޖެޕް ސެލީމީ 13 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ނިންމި ކޯޓުން ބުނި ގޮތުގައި، ހުކުމް އިއްވުނު ފަރާތްތަކަށް މި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ގާނޫނީ ހަމަތަކުގެ މަތިން ލިބިގެންވެއެވެ. މި ހުކުމަކީ ބޯލްކަން ސަރަހައްދުގެ ތާރީހުގައި ހިނގާދިޔަ ހަނގުރާމައިގެ ޖަރީމާތަކަށް އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާތަކުން ސިފަކުރެއެވެ.

ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް