އިސްގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ: ރައީސް ޔާމީންގެ ފަހު އަޑު އެހުން މާދަމާ
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ހައިލަމްއާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބަލައިގަނެ އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް މިއަދުގެ ކޮމިޝަންގެ ކުއްލި ބައްދަލުވުމުގައި އެކުލަވާލެވިފައިވާކަމަށެވެ.
މި ކުއްލި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފެވެ. މިއީ ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލާ ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނީ ކީއްވެގެންތޯ ސާފުވާގޮތް ވަނީ ނުވެފައެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބަރ ގްރޫޕަކަށް ހައިލަމް ފޮނުއްވި ނަޞްރުގެ ދުވަހުގެ ތަހުނިޔާގައި ރައީޞް ޞާލިހާއި ރައީސް ނަޝީދުގެ ގައިގައި ހިލިހިލާ ޖަހައިގެން ޝަހީދު ހުސައިން އާދަމް އެފަރާތްތަކުން ދަމާ ފޮޓޯއެއް އިން މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމިއިރު، މާދަމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތް ބޭއްވުމަށް ތާވަލްކުރެވިފައިވާ ދުވަހެވެ. މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް