ވައްކަމާއި ކޮރަޕްޝަން ބަލަން ވަކި ގާނޫނެއް އޮންނާކަށް ނުޖެހޭ: ޑރ. ޖަމީލް
ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ވަކި ގާނޫނެއް އޮންނަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު އެމަނިކުފާނު ވެސް ތަހުގީގުގެ ދާއިރާގައިވެސް އުޅުއްވި ކަމަށާއި ޝަރުޢީ ދާއިރާގައި ވެސް ޚިދުމަތް ކުރެއްވި ކަމަށެވެ.
ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ޑރ.ޖަމީލް ވަނީ ދުނިޔޭގެ އެހެން ބޮޑެތި ޑިމޮކްރަސީ ތަކުގައި ވެސް ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަނީ ވަކި ކޮމިޝަންތައް ހަދައިގެންތޯ ސުވާލު އުފައްދަވާފައެވެ.
މަޖިިލިސް އިންތިޚާބުގައި ޖޭޕީ ޓިކެޓުގައި ވާދަކުރައްވާ ޑރ.ޖަމީލު ވިދާޅުވި ގޮތުގައި އެބޭފުޅާގެ ނަޒަރުގައި ގައުމަށްވެސް އެންމެ ފައިދާ ހުންނާނީ މުއައްސަސާތައް ހަރުދަނާކޮށްގެން ކަމަށެވެ.
އަދި ކޮމިޝަންތައް ހެދުމުގެ ބަދަލުގައި ޤާނޫނު އަސާސީގެ ދަށުން ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާތަކާއި ތަހުގީގު ކުރަން ހަވާލުކޮށްފި ނަމަ މައްސަލަތައް ތަހުގީގު ކުރުން އަވަސްވެގެން ދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް