އާ ގަވާއިދުގެ ދަށުން ކެމިކަލްތަކަށް ޒިންމާވާނީ ގުދަންކުރާ ފަރާތުން
އަލަށް އެކުލަވާލެވުނު ނުރައްކާތެރި ކެމިކަލް އެތެރެކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ނުރައްކާތެރި ކެމިކަލްތަކަށް އެ ކެމިކަލްތައް ގުދަންކުރާ ފަރާތަކުން ޒިންމާވާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ގަވާއިދު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މި ގަވާއިދުގައިވާ ގޮތުގައި ނުރައްކާތެރި ކެމިކަލެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދެވޭނީ އެ ގަވާއިދުގެ ފަސްވަނަ މާއްދާގެ ށ ގައި ބަޔާންކުރާ ފޯމު ފުރުމަށްފަހު ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެވެ. އޭގެ ތެރޭގައި ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާ ގޮތަށް ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއަރކޮށްފައިވުން ހިމެނެއެވެ.
މީގެ އިތުރުން މި ގަވާއިދުގައިވާ ގޮތުގައި ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ކެމިކަލްއެއްގައިވެސް ލޭބަލެއްގައި ދިވެހި ބަހުން އެއީ ނުރައްކާތެރި ކެމިކަލްއެއް ކަން އިނގޭގޮތަށް ލިޔެފައި އިންނަންޖެހެއެވެ. އަދި ދިވެހިބަސް ނުވަތަ އިނގިރޭސި ބަސް ނުދަންނަ ފަރާތެއް، ކެމިކަލް ވިއްކާ/ގުދަންކުރާ/އެތެރެކުރާ ތަންތަނުގައި މަސައްކަތްކުރާނަމަ، އެތަނެއްގައި މަސައްކަތްކުރާ ފަރާތްތަކަށް އަހުލުވެރި ބަހަކުން ލިޔެވި ހަރުކޮށްފައި ހުންނަންވާނެކަމަށް ވަނި ބުނެފައެވެ.ަ
އަދި ކެމިކަލެއް ގެންގުޅެނިކޮށް މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، ލަސްނުކޮށް ފުރަތަމަ އެހީ ދެވޭނެ އިންތިޒާމް، ކެމިކަލް ބޭނުންކުރާ ތަނުގައި ހަމަޖެހިފައި ހުންނަންވާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިއަދު ގެޒެޓްކުރެވުނު މި ގަވާއިދުގައި ވަނީ ކެމިކަލް ބަހައްޓާ ގުދަންތައް ހުންނަންވާނެ ޚާއްސަ އުސޫލެއްވެސް ކަނޑައަޅާފައެވެ. އެގޮތުން އަދި ކެމިކަލް ރައްކާ ކުރާ ގުދަންތަކުގައި ކުރެހުންތައް ފެންްނަން ހުންނަ ބޯޑުތައް ހަރު ކުރަން ޖެހެއެވެ. އަދި އެއްވެސް ގުދަނެއް ތިން ފްލޯއަށްވުރެ މަތީގައި ހެދުމަކީ މަނާ ކަމެެއްކަމަށް ވަނީ ބުނެފައެވެ. އަދި ގުދަނުގައި ދޮރުތައް ފަޔާ ރެސިސްޓެންޓް ދޮރުތަކަށް ވާން ޖެހޭކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ގުދަން ހުންނަ ޖެހޭ އޭސީ ކޮށްފައި ފިނި ހޫނުމިން ހިފަހައްޓޭ ގޮތަށްކަމަށްވެސް ވަނީ ބަޔާންކޮށްފައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް