ކްރިސްޓިއާނޯ ރޮނާޅްޑޯ
ކްރިސްޓިއާނޯ ރޮނާޅްޑޯ
ކުޅިވަރު 14 Nov 2022 | 05:28

ޔުނައިޓެޑުން އަހަންނަށް ބޭވަފާތެރިވެއްޖެ، ޓެން ހާގަށް އިހުތިރާމެއް ނެތް: ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑުން އޭނާއަށް ބޭވަފާތެރިވެފައިވާ ކަމަށާއި ކުލަބުން އޭނާ ބާކީކޮށްލާފައިވާ ކަމަށް ބުނެ އެ ޓީމުގެ ކޯޗު ޓެން ހާގަށް އެއްވެސް އިހުތިރާމެއް ނެތްކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ ޔުވެންޓަސް އިން މިދިޔަ އަހަރުގެ އޯގަސްޓް މަހު ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނަމަވެސް ކުލަބުން އޭނާއަށް އެ އިހްތިރާމް އަދާނުކުރާކަމަށް ބުނެ ފުރަތަމަ ފަހަރަށް ރޮނާލްޑޯ ވަނީ މީޑިއާގައި ވާހަކަދައްކާފައެވެ. މަޝްހޫރު ޕިއާސް މޯގަން ޝޯގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ކުލަބުގެ އެންމެ އިސްވެރިންނާއި ހަމައިން އޭނާ އެކި ގޮތްގޮތުން ކުލަބުން ބޭރުކޮށްލުމަށް މަސައްކަތްކުރާ ކަމަށެވެ.

"މީގަ މިއުޅެނީ ހަމައެކަނި ކޯޗެއް ނޫން، ކުލަބުގެ އެތެރޭގަ އުޅޭ އިތުރު ދެތިން މީހެއްވެސް އެބައުޅޭ ފާޅުކަން ބޮޑުގޮތެއްގައި، ކުލަބުން އަހަންނަށް ބޭވަފާތެރިވި ކަމުގެ އިހުސާސެއް ކުރެވެނީ" ރޮނާލްޑޯ ބުންޏެވެ.

ކުލަބުގައި ރޮނާލްޑޯގެ ބޭނުމެއް ނެތްކަމަށް ދޭހަވާގޮތަށް ބައެއް މީހުންގެ އަމަލުތައް ހުންނަކަމަށް ވެސް ރޮނާލްޑޯ ވަނީ ފާހަގަކޮށްފައެވެ.

"ހީވީ ބައެއް މީހުން އަހަރެން މިތަނަށް ބޭނުން ނުވާކަން، ހަމައެކަނި މިއަހަރު ނޫން، މިދިޔަ އަހަރުވެސް މިކަންކަން އަހަންނަށް ފެނުނު" ރޮނާލްޑޯ ބުންޏެވެ.

މިދިޔަ މަހު ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން ރޮނާލްޑޯ ވަނީ ދެކޮޅު ހަދާފައެވެ. އަދި އެ މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ރޮނާލްޑޯ ވަނީ އެ ތަން ދޫކޮށް ގޮސްފައެވެ. އޭގެފަހުން ޗެލްސީ އާއި ދެކޮޅަށް ކުޅުނު ސްކޮޑުގައި ވެސް އޭނާ ނުހިމެނެއެވެ.

އުމުރުން 37 އަހަރުގެ ފޯވާޑް ބުނީ ޓެން ހާގް އޭނާއަށް އެއްވެސް އިހްތިރާމެއް އަދާނުކުރާ ކަމަށާއި އިހްތިރާމު ނުކުރާ މީހަކަށް އަނބުރާ އިހްތިރާމެއް ނުދެވޭނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް