ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސޫދާނުގެ ދެކުނުގައި އަމިއްލަ ފަރާތްތަކުން ކުދިކޮށް ރަން ނަގަމުންދިޔަ މައިނެއް ވެއްޓި، މަދުވެގެން 60 މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ސޫދާނުގެ ހުޅަނގު ކޯޑޮފާންގެ އަލް-ނަހޫދް އަވަށާ ކައިރީގައި އޮންނަ "އަލް-ޒަރާއު" ނަމަކަށް ކިޔާ ރަން މައިނުގައެވެ.
އަންގާރަ ދުވަހު މި މައިނުގެ ވަޅުގަނޑުތައް (ޝާފްޓްތައް) ވެއްޓެން ފެށި އިރު، ޖެހިގެން އައި ބުދަ ދުވަހުގެ ހެނދުނާ ހަމައަށް 60 މީހެއްގެ ފުރާނަނެތް މަސްގަނޑު ވަނީ ނަގާފައެވެ.
މި ހާދިސާއިން ސަލާމަތްވި އެކަކު ކަމަށްވާ ޚައިރު އައްސައްޔިދު ޖަބާރާ ބުނި ގޮތުގައި، ރޭގަނޑު އެއްކޮށް އެހެން މަސައްކަތްތެރިންނާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، އަދިވެސް އެތެރޭގައި ތާށިވެފައި ތިބީ ކިތައް މީހުން ކަމެއް ސާފެއް ނޫނެވެ.
ސޫދާނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ވަރަށް ނާޅައި ރަން ހޯދުމަށް މިފަދަ ނުރައްކާތެރި ވަޅުތައް ކޮނުމުގެ ސަބަބުން، މައިންތައް ވެއްޓި މީހުން މަރުވުމުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް