ލޮލުގެ ފަރުވާގެ ހިދުމަތް ފުޅާކުރަން ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފި
ރާއްޖޭގައި ދެމުންދާ ލޮލުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ޗައިނާ އާ އެކު އެއްބަސްވެއްޖެއެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު ޒޭންގް ލިޒޯންގެވެ.
އެ އެއްބަސްވުމުގެ ދަށުން، ލޮލުގެ ފަރުވާ ދޭ ހާއްސަ މަރުކަޒު ގާއިމްކުރަން ހަމަޖައްސާފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަަމްރީނުތައް ޗައިނާގައި ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ގެނެސް، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އެއްބަސްވުމުގެ ދަށުން އެންމެ އާދައިގެ ސާޖަރީތަކުން ފެށިގެން ބޮޑެތި ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީ ކުރުމާއިއެކު ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާއާ ގުޅޭ އިކުއިޕްމަންޓްސް ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 2015 އަދި 2017 ވަނަ އަހަރު ވެސް ލޮލުގެ ހާއްސަ ކޭމްޕްތަކެއް ރާއްޖޭގައި ހިންގި އެވެ. އެ ކޭމްޕުތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށް، 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ހެދިއެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާ ގުޅޭ ސާމާނު ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް