އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ކުޅިވަރު 16 Oct 2022 | 04:25

އުއްޗު ހަދިޔާކުރި ފައިސާ އަދިވެސް ނުދޭ، އެފްއޭއެމުގެ ޖަވާބެއް ނެތް

ޤައުމީ ފުޓުބޯޅަ ޓީމަށް ހަދިޔާގެ ގޮތުގައި ލިބުނު މިލިއަނެއްހާ ރުފިޔާ އަދިވެސް ޓީމާ ހަވާލުނުކުރާ ކަން ވޮއިސް އަށް އެނގިއްޖެ އެވެ.

މި ފައިސާ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ އުއްޗު ގެ ދައުވަތަކަށް ކުރެއްދޫ ރިސޯޓުގައި ކުޅުނު މެޗަށްފަހު ދޭން އެއްބަސްވި ފައިސާ އެވެ.

އެއީ އުއްޗު ދޭން އެއްބަސްވި 500،000 (ފަސް ލައްކަ) ރުފިޔާ އާއި ސްޕޮންސަރުން މެދުވެރިކޮށް ލިބުނު 700،000 (ހަތް ލައްކަ) ރުފިޔާއާއެކު ޖުމްލަ 1.2 މިލިއަނެއްހާ ރުފިޔާއެވެ.

މި ފައިސާ އެފްއޭއެމް އަށް ލިބިފައިވާ ކަން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވަނީ ދާދިފަހުން އެ އިދާރާގެ މީޑިއާ ގްރޫޕުގައި ހާމަކޮށްފައެވެ. އެއީ މި އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގައެވެ. އެ ދުވަހު ކުރި ޕޯސްޓެއްގައި ޖަވާޒް ވިދާޅުވީ ޖެހިގެން އަންނަ ހަފުތާގައި ކުޅުންތެރިންނަށް އެ ފައިސާ ރައްދުކޮށްދޭނެ ކަމަށެވެ.

ނަމަވެސް ހަފްތާ ނިމުނު އިރުވެސް އެ ފައިސާ ޖަމާނުވެއެވެ. މިކަން ކަށަވަރުކުރުމަށް ވޮއިސް އިން ވަނީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ގުޅާފައެވެ. ނަން ނުޖަހަން ޝަރުތުކޮށް މައުލޫމާތު ދިން ބައެއް ކުޅުންތެރިން ބުނީ މިދިޔަ ހަފްތާގައި ދޭނެކަމުގެ ޔަގީންކަން ދިން ނަމަވެސް އަދި މިހާތަނަށް އެ ފައިސާއާ ގުޅުންހުރި އަޕްޑޭޓެއް ނުލިބޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެފްއޭއެމް މީޑިއާ ގްރޫޕުގައި ސުވާލުކުރުމުން ޖަވާޒް ޖަވާބެއް ނުދެއްވައެވެ. މި ފައިސާ ކުޅުންތެރިންނަށް ބަހާލާނަމަ ކޮންމެ ކުޅުންތެރިއަކަށް 50،000 އެއްހާ ރުފިޔާ މަދުވެގެން ލިބެއެވެ.

ފައިސާ ނުދީ ލަސްވާ ސަބަބާއި ގުޅޭގޮތުން ޖަވާޒް މީގެކުރިން ވިދާޅުވީ އެއީ ސްޕޮންސަރުންގެ ފަރާތުން ލިބެންޖެހޭ ފައިސާ އެއްކޮށް ނުލިބޭތީ އާއި ގައުމީ ޓީމުގެ ނަތީޖާ ދަށްވުމުގެ ސަބަބުން ވި ކަމެއް ކަމަށެވެ.

މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އެފްއޭއެމް އާއެކު ބައެއް ސްޕޮންސަރުން ވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ފައިސާ ނުލިބި ކޯޓަށް ވެސް މައްސަލަ ހުށައަޅާފައެވެ. މީގެތެރޭގައި އޭޑީކޭ އަށް ދޭން ޖެހޭ ފައިސާތަކެއް ގެ މައްސަލަ ހިމެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް