ލިވަޕޫލާއި ސިޓީ މެޗެއްގެ ތެރެއިން ދެ ޓީމުގެ ކޯޗުން
ލިވަޕޫލާއި ސިޓީ މެޗެއްގެ ތެރެއިން ދެ ޓީމުގެ ކޯޗުން
ކުޅިވަރު 16 Oct 2022 | 05:27

ނިއުކާސަލް ފިޔަވާ ސިޓީއާއި ވާދަކުރެވޭނެ އެހެން ބައެއް ނެތް: ކްލޮޕް

ފުޓުބޯޅައިގެ ބަދަލުވަމުންދާ ހާލަތަށް ބަލާއިރު މެންޗެސްޓަރ ސިޓީއާއި ވާދަކުރެވޭ ފެންވަރުގައި މިހާރު ތިބި މަދު ޓީމުތަކުގެ ތެރޭގައި ނިއުކާސަލް ހިމެނޭ ކަމަށާއި އެހެން ޓީމުތަކަށް އެ ފުރުސަތު ނެތްކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ކްލޮޕް މިހެން ބުނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. ނޫސްވެރިޔާގެ ސުވާލުގައި ސިޓީ ހޯދަމުންދާ ކުރިއެރުންތަކާއި އަރާ ހަމަކުރަން ލިވަޕޫލް ކުރަނީ ކޮން ކަމެއްތޯ ވަނީ އަހާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ކްލޮޕް ބުނީ އެއީ މީހުން އެހާ ގަޔާވާނެ ޖަވާބަކަށް ނުވާނެ ކަމަށެެވެ. އަދި އެ ޖަވާބު ގިނަ ބަޔަކަށް މިހާރުވެސް އެނގޭނެ ކަމަށް ކްލޮޕް ބުންޏެވެ.

"ފައިސާގެ ގޮތުން ބަލަންޏާ މިހާރު އެއްވެސް ޓީމަކަށް ސިޓީއާއި ވާދަނުކުރެވޭނެ، މާކެޓުގައި ހުރި އެންމެ ވަރުގަދަ ފޯވާޑް އެހެރީ ގެނެސްފައި، މާލީ ގޮތުން ހާސްކަމެއް ނެތް، އެމީހުންގެ ސީލިންއެއް ނެތް، އަހަރެމެން (ލިވަޕޫލް) ގެ ސީލިންއެއް އެބައޮތް، މިއީ ހައްތާވެސް ތަފާތު" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ސިޓީ އެ ހާލަތުގައި އޮތް ނަމަވެސް ލިވަޕޫލަށް އެއީ ވާނެ ކަމެއް ނޫން ކަމަށެވެ. ދުނިޔޭގެ ފުޓުބޯޅައިގައި މިވަގުތު އޮތީ ވަރުގަދަ ތިން ކުލަބެއް ކަމަށާއި ކަންކަން ބަދަލުކުރުމަށް އެ ކުލަބުތަކަށް އެއީ މާ ބޮޑު ކަމެއް ނޫން ކަމަށެވެ. އޭގެތެރޭގައި މިހާރު ނިއުކާސަލް ހިމެނޭ ކަމަށެވެ.

"އަހަރެން އަޑުއެހިން ނިއުކާސަލް ސްޕޯޓިން ޑައިރެކްޓަރ ބުނި ބަހެއް، މި ކުލަބުގަ ސީލިންއެއް ނޯންނާނޭ، އެ ތެދެއް، އެ ކުލަބަށް މަރުހަބާ، އެކަމަކު ލިވަޕޫލްގަ މިއޮޮތީ ސީލިންއެއް، އެހެން ގިނަ ކުލަބުތަކެއް ވެސް އޮތީ އެ ސީލިންގައި" ކްލޮޕް ބުންޏެވެ.

އިނގިރޭސި ޕްރިިމިއަރ ލީގުގައި ލިވަޕޫލާއި ސިޓީ އަކީ ވަރުގަދަ ބާރެކެވެ. 2020 ވަނަ އަހަރުގެ ސީޒަން ސިޓީން ކާމިޔާބުކުރި އިރު ލިވަޕޫލް އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުން ދެވަނައިގައެވެ. އަދި އޭގެފަހުން ނިމިދިޔަ ސީޒަންގައި ވެސް ފެނުނީ އެ ވާދަވެރިކަމެވެ. ނަމަވެސް މިފަހަރުގެ ސީޒަންގައި ލިވަޕޫލް ފެންނަނީ ވަރަށް ބަލިކަށިކޮށެވެ.

މިފަހަރުގެ ސީޒަންގައި ލިވަޕޫލް މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް