ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ، ބަޔަކު ބަޑިއެއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ މި ކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން، މި ވީޑިއޯއަކީ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން ވަނީ ދެނެގަނެވިފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައި ކަމަށާ އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި ފަރާތް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުރުކޮށްފައި ކަމަށް ވެސް ބުންޏެވެ.
އަދި އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުކުރެވިފައި ކަމަށާ އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.
މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާ މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް