ޕީއެސްޖީ ޖާރޒީގައި އެމްބާޕޭ
ޕީއެސްޖީ ޖާރޒީގައި އެމްބާޕޭ
ކުޅިވަރު 17 Oct 2022 | 10:03

ޕީއެސްޖީން ބަދަލުވާން ނޫޅޭކަމަށް ބުނެ އެމްބާޕޭ ރެކިގެންފި

ފްރާންސްގެ ޕީއެސްޖީގައި ހުރީ އުފަލުން ކަމަށާއި ކުލަބު ބަދަލުކުރުމުގެ ވިސްނުމެއް އަދި ނެތްކަމަށް ކިލިއަން އެމްބާޕޭ އެ ގައުމުގެ މީޑިއާތަކުގައި ބުނެފިއެވެ.

އެމްބާޕޭ މިހެން ބުނި ނަމަވެސް، ގިނަ މީޑިއާތަކަކުން ވަނީ އެމްބާޕޭ އާއި ޕީއެސްޖީއާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑުތަން ގޯސްވެފައިވާ ކަމަށް ހާމަކޮށްފައެވެ.

އެގޮތުން އަންނަ ޖެނުއަރީ ޓްރާންސްފަރ ގައި އެހެން ކުލަބަކަށް ބަދަލުވާން އެދި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ. އެކަން ޕީއެސްޖީގެ ބައެއް އޮފިޝަލުން ވެސް ވަނީ އެ ގައުމުގެ މީޑިއާތަކަށް ހާމަކޮށްފައެވެ.

ނަމަވެސް އެމްބާޕޭ އެ ވާހަކަތަށް ދޮގުކުރެއެވެ. އެމްބާޕޭ އެކަން ދޮގުކުރީ މީޑިއާގައި މި ވާހަކަ އެނބުރެމުންދާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އެވެ.

މާސޭ އަތުން ޕީއެސްޖީ މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން އެމްބާޕޭ ބުނީ ކުލަބު ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށާއި އަދި އެކަމާއި ގުޅޭގޮތުން ކުލަބުގެ ވެރިންނާއި ވާހަކަވެސް ނުދައްކާ ކަމަށެވެ. އަދި ބޮޑު މެޗުތަކެއް ކުރިޔަށް އޮއްވާ އެގޮތަށް ވާހަކަ ފެތުރެންވީ ސަބަބެއް ނުވިސްނޭ ކަމަށްވެސް ބުންޏެވެ.

އެމްބާޕޭގެ ޓްރާންސްފަރ ވާހަކަ އަނެއްކާވެސް ފެންމަތިވީ ނިމިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ރެކޯޑު އަގަކަށް އޭނާ ގެންދަން އުޅުނު ނަމަވެސް ޕީއެސްޖީން އެއަށްވުރެ ބޮޑު އޮފާއެއް ދިނުމާއި ގުޅިގެންނެވެ. މި އޮފާގައި ޕީއެސްޖީގެ މެނޭޖްމަންޓު ލެވެލްއިން އޭނާއަށް ގިނަ ބާރުތަކެއް ލިބިދެއެވެ. އަދި މުސާރަވެސް ބޮޑެވެ.

ޕީއެސްޖީއާއެކު މިހާރު އެމްބާޕޭ ހުރީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްބާޕޭ ދަނީ ކުދި ކަންކަމުގައި ވެސް ކުލަބަށް ބޮޑެތި ޕްރެޝަރުތަކެއް ކުރަމުންނެވެ. ހާއްސަކޮށް ދަނޑުމަތީގައި އޭނާއަށް ބޯޅަ ސަޕްލައިކޮށް ނުދެވޭކަމަށް ބުނެ އެ ވާހަކަވެސް ބޮޑުކޮށްލައިގެން ދައްކާފައިވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ހާމަކުރެއެވެ.

ފޯބްސްއިން އިއުލާންކުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމްބާޕޭ އެވެ. އެމްބާޕޭއަށް 128 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭކަމަށް ފޯބްސް އިން ވަނި ރިޕޯޓުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް