ތައިވާން ކޯސްޓްގާޑް.. ފޮޓޯ: އޭއެފްޕީ
ތައިވާން ކޯސްޓްގާޑް.. ފޮޓޯ: އޭއެފްޕީ
ދުނިޔެ 19 Aug 2026 | 13:50

ޓައިވާނުން 2027 ވަނަ އަހަރަށް ރެކޯޑު އަދަދެއްގެ ދިފާއީ ބަޖެޓެއް ހުށަހަޅަނީ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ޗައިނާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތަކާ ގުޅިގެން، ޓައިވާނުގެ ސަރުކާރުން 2027 ވަނަ އަހަރަށް ރެކޯޑު އަދަދެއްގެ ދިފާއީ ބަޖެޓެއް ހުށަހެޅުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ޓައިވާނުގެ ރައީސް ލައި ޗިން-ތޭ އެވެ.

ރައީސް ލައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ މުޅި ދިފާއީ ބަޖެޓު ފުރަތަމަ ފަހަރަށް 1 ޓްރިލިއަން ޓައިވާން ޑޮލަރަށްވުރެ އިތުރުވެ، 1.1225 ޓްރިލިއަން ޓައިވާން ޑޮލަރު ނުވަތަ 35.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށެވެ. މިއީ ޓައިވާނުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 3 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.

ޗައިނާއިން ޓައިވާނަކީ އެގައުމުގެ ބަޔެއްގެ ގޮތުގައި ދެކެމުންދާއިރު، ބާރުގެ ބޭނުންކޮށްގެންވެސް ޓައިވާން ޗައިނާގެ ދަށަށް ގެނައުމަށް ފަސްނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. މި ސަބަބާހުރެ ޓައިވާނުން ދަނީ އެގައުމުގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށްޓަކައި ޑްރޯންފަދަ ޒަމާނީ އަދި ކުދި ހަތިޔާރުތައް ހޯދައި، އަސްކަރީ ހަރަދުތައް އަހަރަކަށްވުރެ އަހަރެއް އިތުރުކުރަމުންނެވެ. އެމެރިކާގެ ފިއްތުންތަކާއެކު، 2030 ވަނަ އަހަރާ ހަމައަށް ދިފާއީ ބަޖެޓު ޖީޑީޕީގެ 5 އިންސައްތައަށް މަތިކުރުމަށް ޓައިވާނު ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.

ނަމަވެސް، ރައީސް ލައިގެ ސަރުކާރާއި ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު ފަރާތްތަކާ ދެމެދު ދިފާއީ ހަރަދުތަކާ މެދު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މިއަހަރުގެ މޭ މަހު އިދިކޮޅު ކުއޯމިންޓަންގް ޕާޓީއާއި ޓައިވާން ޕީޕަލްސް ޕާޓީން ވަނީ ސަރުކާރުން ހުށަހެޅި ހާއްސަ ދިފާއީ ބަޖެޓުން ބޮޑުބައެއް އުނިކޮށް، 25 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފައެވެ. މީގެ ތެރޭގައި އެތެރޭގެ މާކެޓުން ޑްރޯން ގަތުމަށް ސަރުކާރުން އެދުނު 15 ބިލިއަން ޑޮލަރު އުނިކުރުން ހިމެނެއެވެ.

ގާނޫނުހަދާ މަޖިލީހުން ވަނީ ގިނަ ދުވަސްތަކެއްވަންދެން ހިފެހެއްޓުމަށްފަހު، 2026 ވަނަ އަހަރުގެ އާންމު ބަޖެޓު މިދިޔަ ހުކުރު ދުވަހު ފާސްކޮށްފައެވެ. އަދި 2027 ވަނަ އަހަރަށް ލަފާކުރާ އާ ދިފާއީ ބަޖެޓު މި އޮގަސްޓް މަހުގެ ނިޔަލަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް