ލަންކާއިން އައު ސަފީރެެއް، ފަތްކޮޅު އަރުވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުޙައްމަދު ރިޒްވީ ޙަސަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، އެކަމަށްޓަކައި މިއަދު މެންދުރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ، ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައި، ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފަ އެވެ.

ސްރީލަންކާގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ދަންނަވާފައެވެ.
ރަސްމިއްޔާތަށް ފަހު، ދެ ބޭފުޅުން ވަނީ، ވިޔަފާރި އާއި އިގްތިސާދާއި، މޫސުމީ ބަދަލުތައް ފަދަ، ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާ ކުރައްވާފަ އެވެ. ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމުގައި ކުރެވިދާނޭ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް