ފަލަސްތީނުގެ މިނިވަންކަމަށް ދިވެހިން އަބަދުވެސް ތާއިދުކުރާނެ: މިނިސްޓަރ ޝާހިދު
ފަލަސްތީނުގެ މިނިވަންކަމަށް ދިވެހިން އަބަދުވެސް ތާއިދުކުރާނެކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަކުރާރުކުރައްވައިިފިއެވެ.
މިނިސްޓަރ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އޮތް އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުންނެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއިން އެކިއެކި ދަނޑިވަޅުތަކުގައި ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވާނެކަމަށެވެ. އެގޮތުން ހުދު އެމަނިކުފާނުވެސް ދާދިފަހުން ޖެނީވާގައި އޮތް ޔޫއެންއެޗްއާރްސީގައި އެވާހަކަފުޅު ދައްކަވާފައިވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއިން ދެކެނީ ފަލަސްތީނު-އިޒްރޭލު މައްސަލައަށް ހައްލެއް ލިބިގެންދާާނީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ދެ ސްޓޭޓްގެ ހައްލު ބަލައިގަނެ، މިނިވަން ފަލަސްތީނުގެ ދައުލަތެއް އުފެދުނަ ދީގެންކަމަށެވެ. މި މިނިވަން ދައުލަތުގެ ވެރިރަށަކަށް އިރުމަތީ ގުދުސް އޮތުމަށް ތާއިދުކުރާކަމަށް މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
މި ތަގުރީރުގައި މިނިސްޓަރ ޝާހިދު ވަނީ ޔަަމަންއާއި މިޔަންމާގެ ރޮހިންޔާާ މުސްލިމުންގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް، އާންމު ފަރާތްތަކަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށާއި ގައުމުތަކަށް ގޮވާލާފައެވެ.
ހަމަ އެހެންމެ އެމަނިކުފާނު ވަނީ އޯއައިސީން ހަރުކަށި ނިރުބަވެރި ފިކުރުތަކާއި ދެކޮަޅަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއިން އެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް