މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމުން ހަރަކާތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ހެންވޭރު، ފަހިވާގޭގެ 7 ވަނަ ފަންގިފިލާގައި ކަމަށެވެ. މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުންވެސް ވަނީ ފަހިވާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީވެ، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ބުނެފައެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އެއީ ބޮޑުރަސްގެފާނުމަގުގައި ހުންނަ ގެއެކެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ބޮޑުރަސްގެފާނުމަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިރޭގެ 20:41 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވިއެވެ. ފުލުހުން ބުނީ ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށެވެ. ނަމަވެސް، ފުލުސް މީހާ އަށް ލިބުނީ ސީރިއަސް އަނިޔާތަކެއް ނޫންކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށާއި ހާދިސާ ފުލުހުން ތަހްގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް