އިންޑިއާގެ ބޮޑުވަޒިރު
އިންޑިއާގެ ބޮޑުވަޒިރު
ރިޕޯޓް 01 Feb 2024 | 01:01

މޯލްޑިވްސް ބޮއިކޮޓް ކެމްޕެއިނުން ދިވެހިރާއްޖެއަށް ފިލާވަޅެއް ދެވިއްޖެ

އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ޔުނިއަންޓެރެޓަރީއެއްގެ ގޮތުގައި އޮތް ލަކްޝައްދީބުގެ ދިވެހިރާއްޖޭގެ ރަށެއްކަހަލަ ރަށަކަށް ވަޑައިގެން ގޮނޑުދޮށުގައި ހިންގަވައި މޫދަށް އެރިވަޑައިގެން މޫނުމައްޗެއް އަޅުއްވައި ކުޑަކޮށް މޫދުތެރެ ބައްލަވައިލައްވައި އަދި ދޮންވެލިގޮނޑުދޮށުގައި ގޮނޑިއެއްގައި އިށީނދެވަޑައިގެން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވުމާއެކު ކުއްލިގޮތަކަށް ބީޖޭޕީގެ ސޯޝަލް މީޑިއާ އިންފުލުއެންސަރުން ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވައިލައި ފެށި ކެމްޕެއިނުން ދިވެހިރާއްޖެއަށް ފިލާވަޅެއް ދެވިއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. މިދުވަސްވަރު އިންޑިއާގެ ނޫސްތައް އެކީއެކައްޗަކަށް ނުކުމެ ކުޑަކުޑަ ދިވެހިރާއްޖެއާއި ޖައްސައިލައިފައިވަނީ ހައިރާންވާހާ ދަރަޖައަކަށެވެ.

އިންޑިއާގެ ބާރުގަދަ ނޫސްތައް ކަމަށްވާ ދަ ހިންދޫއާއި، ހިންދުސްތާން ޓައިމްސާއި، ޓައިމްސް އޮފް އިންޑިއާއާއި، އިންޑިއަން އެކްސްޕްރެސްއާއި ޓީވީ ޗެނަލްތައްކަމަށްވާ އެންޑީޓީވީއާއި ޓައިމް ނަވްއާއި މިހެންގޮސް ކިޔާނެ ކަމެއްނެތެވެ.

ހުރިހައި ޓީވީސްޓޭޝަންތަކާއި ނޫސްތަކުން ބުނަނީ އިންޑިއާއިން ގެންދިޔަ ބޮއިކޮޓް މޯލްޑިވްސްގެ އަސަރު ދިވެހިރާއްޖެއަށް ކޮށްފި ކަމަށެވެ. ރާއްޖެއަށް ފަތުރުވެރިން ފޮނުވާ އެއް ނަންބަރު މާކެޓަކަށް އޮތް އިންޑިއާ މިހާރު ފަސްވަނަ ދަރަޖައަށް ސޮއްސާލައިފިކަމަށާއި ޓޫރިޒަމުން ރާއްޖެއަށް ލިބޭ ބޭރުފައިސާ މަދުވާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑްގެ ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އިންޑިއާ މިހާރު އޮތީ ފަސްވަނައިގައެވެ.  މިހާރު އެއްވަނައިގައި އޮތީ ރަޝިޔާއެވެ. ދެވަނަ އިޓަލީއެވެ. ތިންވަނަ ޗައިނާއެވެ. ހަތަރުވަނަ ޔޫކޭ އެވެ.

ބޮޑުވަޒީރު މޯދީ ލަކްޝައްދީބަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޑިއާގެ ސޯޝަލް މީޑިއާއާއި ބޮޑެތި ނިއުސްޕޭޕަރުތަކާއި ޓީވީސްޓޭޝަންތަކުން އިންޑިއާގެ ފަތުރުވެރިން ދިވެހިރާއްޖެ ބޮއިކޮޓް ކުރަން ވަރުގަދަ ކެމްޕެއިނެއް ވަނީ ފަށައިފައެވެ. މިކެމްޕެއިން ޖައްސާފައިވާ މިންވަރަކީ ދިވެހިރާއްޖެ ބޮއިކޮޓް ކުރާނަމަ އިންޑިއާގެ ރެސްޓޯރަންޓަކުން ފްރީ ކެއުމެއްދޭނަމޭ ބުންޏަސް ނޫސްތަކުގެ ހެޑްލައިންތަކަށް އަރުވައިގެން ވަތަނީކަމަކަށް ހަދައިގެން އުޅެއެވެ.

އިންޑިއާގެ މީޑިއާއެއްކަމުގައިވާ އެންޑީޓީވީގެ އޮންލައިން ނިއުސްގައި ބުނެފައިވަނީ ބޮއިކޮޓް ކެމްޕޭން ހިންގީ ރާއްޖޭގެ އާ ރައީސް ގެންގުޅުއްވަން ފެށްޓެވި ޚާރިޖީ ސިޔާސަތުގައި އިންޑިއާގެ ބަދަލުގައި ޗައިނާ އިސްކުރުމުން އުފެދުނު ޑިޕްލޮމެޓިކް މައްސަލައިގެ ސަބަބުންނެވެ.

އިންޑިއާގެ މީޑީއާ ރިޕޯޓްތަކެއް

ބޮއިކޮޓް ކެމްޕެއިން އިންޑިއާއިން ފެށީ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިނުގެން ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ފެށްޓެވުމާއި ގުޅިގެންނެވެ. މިދަތުރުފުޅުގެ ފަހުން ދިވެހިރާއްޖެ ބޮއިކޮޓް ކެމްޕެއިނާއި އިންޑިއާގެ މީޑިއާތަކުން ދިވެހިރާއްޖޭގެ ރައީސް ގޮތްގޮތަށް ސިފަކޮށްގެން އެމަނިކުފާނުގެ ތަސައްވުރު ކިލނަބުކޮށްލުމަށް ހިންގާ އަޑިނުބައި ހަރަކާތް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ބަދުބަހެއް ބުނުމަކީ އިންޑިއާގެ މުޅި ދައުލަތާއި ބެހިގަތުމެކެވެ. ދިވެހިރާއްޖޭގެ ރައީސާ ދިމާއަށް ހިތުހުރި ލަގަބެއް އަރުވައި ހެދުމަކީ އިންޑިއާގެ ޑިމޮކްރަސީގެ މީޑިއާ ފްރީޑަމެވެ. ރާއްޖޭގެ ސިޔާސީ އިސްބޭފުޅަކު އޭނާގެ ސިޔާސީ މަސްލަހަތަކަށްޓަކައި ދެއްކި ވާހަކައެއްގެތެރޭގައި ރާއްޖޭގެ ރައީސް އިންޑިއާގެ ކިބައިން މައާފްއެދެންޖެހޭނެއޭ ބުނެވިގެން އެތަންކޮޅު އިންޑިއާގެ ނޫސްތަކުގެ ހެޑްލައިންތައް ފުރާލާފައިވަނީވެސް އަޖައިބުވާފަދަ ދަރަޖައަކަށެވެ.

އިންޑިއާގެ ބޮޑުވަޒީރާއި ދިމާއަށް ނުރުހޭފަދަ އެއްޗެއް ދިވެހި ދެތިން ކުއްޖަކަށް ބުނެވިގެން އެއީ އިންޑިއާގެ މުޅި ދައުލަތާއި ބެހުންކަމަށް ހަދައި ފިލްމިސްޓާރުންނާއި ކްރިކެޓް ތަރިންނާއި ވިޔަފާރި ޖަމްއިއްޔާތައް ކުރިއަށް ނެރެ ދިވެހިރާއްޖެއަށް އަދަބުދޭން ހިންގާ ބޮއިކޮޓް މޯލްޑިވްސް ކެމްޕޭނުގެ ސަބަބުން ދިވެހި ރާއްޖެއަށް އަސަރުކޮށްފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭބޭފުޅުންނަށް އެއީ ކޮމެންޓްކުރާ ވަރުގެ ބުރަދަނެއް ހުރި ކަމަކަށް ނުވެއެވެ.

އިންޑިއާގެ ފަތުރުވެރިން މަދުވުމަކުން ރާއްޖެއަށް ޓޫރިޒަމުން ވަންނަ ބޭރުފައިސާ މަދުވެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ އެއްޗެއް ދަށްވީއަކީ ނޫނެވެ. މިހާރުވެސް ރިސޯޓްތައް އޮތީ ގާތްގަޑަކަށް ފުރިފައެވެ.

އެހެންނޫނަސް ރާއްޖެއަށް އިންޑިއާ މާކެޓް އެއްވަނަ ތަނަކަށް ހަދައިދިނީ " އިންޑިއާއަށް ވަފާތްތެރި" ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ސަރުކާރުންނެވެ.

ކޮވިޑް ބަލި ފެތުރިގެން ދިއުމާހަމައަށް ރާއްޖޭގެ އެންމެ ބޮޑު މާކެޓަކީ ޗައިނާއެވެ. އިންޑިއާގެ މާކެޓް ހުޅުވައިލީ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރގައި ޗައިނާގެ އިންފްލުއެންސް ކުޑަކޮށް އިންޑިއާއަށް ބަރޯސާކޮށްފައި ބޭއްވުމުގެ ޕްލޭންގެ ތެރެއިންނެވެ. އެކަންކުރުމުގެ ހަގީގީ މަގްސަދު ބޮއިކޮޓް ކެމްޕެއިނާއެކު ހާމަވެގެންދިޔައީއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީގައި އިންޑިއާއިން ހިލަޔާއި ހިލަވެލި އެތެރެކޮށް ފިޔާބިސްއަލުވި އެތެރެކުރުމަށް ޑިޕެންޑްވެފައި އޮތުމުން ދިވެހިރާއްޖެއަށް ފިއްތައިލީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. ފަތުރުވެރިންނަށް ބަރޯސާވާ ގައުމަކަށް ވެއްޖެހެން ހީވުމުން ރާއްޖެއާމެދު ނުރުހުމުން ފިއްތައިލި މިއީ އަނެއް ފިއްތުމެވެ.

މިކަންކަމުން ދިވެހިރާއްޖެ ސަލާމަތްވާން ގިނަ ގައުމުތަކާއެކު ގުޅުން ވަރުގަދަ ކުރަންޖެހެއެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ ރަނގަޅު ވާހަކަފުޅެކެވެ. އަވަށްޓެރިން ދޭތެރެ ދޭތެރެއިން އަރައިރުންވާނެއެވެ. އާޚިރުގައި އޮންނަނީ އެއްބަޔަކު އަނެއްބަޔަކަށް ބޭނުންޖެހިފައެވެ. އިންޑިއާގެ ތެރޭގައި ދިވެހިރާއްޖެއާއި ދެކޮޅަށް މިވަރުގެ ބޮޑެތި ދެކޮޅުވެރި ހަރަކާތްތައް ފަތުރަމުންދިޔަނަމަވެސް އިންޑިއާ ސަރުކާރުން ރަސްމީކޮށް އެއްޗެކޭ ނުބުނެއެވެ. ބޭނުންވަނީ ވާހަކަ ދައްކައިގެން ސުލްހަވެރި ގޮތެއްގައި އުޅެވޭނެ ގޮތެއް ހޯދުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޚާރިޖީ ސިޔާސަތުގައި އިންޑިޔާ އެންމެ އިސްކުރަންޖެހޭ؛ އެއީ ދިވެހިންނަށް ދެވޭ ނިކަމެތި ކަމެއްނޫން: ރައީސް ނަޝީދު
02 Oct 2026 ހަބަރު

ޚާރިޖީ ސިޔާސަތުގައި އިންޑިޔާ އެންމެ އިސްކުރަންޖެހޭ؛ އެއީ ދިވެހިންނަށް ދެވޭ ނިކަމެތި ކަމެއްނޫން: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަވަށްޓެރި އިންޑިއާއަށް އެންމެ އިސްކަންދޭން ޖެހޭ ކަމަށާއި، އެއީ ދިވެހިންނަށް ދެވޭ އެއްވެސް ނިކަމެތިކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެ...

އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ: އިންޑިއާ
24 Sep 2026 ހަބަރު

އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ: އިންޑިއާ

ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ފަންޑު ކުރުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އިން 4،850 ކްރޯޑް ...

ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
19 Sep 2026 ހަބަރު

ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް

އިންޑިއާއަށް 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ފިނޭންސް މިނިސްޓްރީން ސާފުކޮށްދީފި އ...

ކުރީ ސަރުކާރުން އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައި ޚަލާޞްކޮށްފި
17 Sep 2026 ހަބަރު

ކުރީ ސަރުކާރުން އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައި ޚަލާޞްކޮށްފި

ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި...

އުއްމީދަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި ބްރިޖް މަސައްކަތް ފުރިހަމަކޮށް ނިންމުން: ރައީސް ޑރ.މުއިއްޒު
30 Aug 2026 ހަބަރު

އުއްމީދަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި ބްރިޖް މަސައްކަތް ފުރިހަމަކޮށް ނިންމުން: ރައީސް ޑރ.މުއިއްޒު

ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ...

ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
23 Aug 2026 ހަބަރު

ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި

ގދ. ތިނަދޫގައި މަސައްކަތްކުރަމުންދާ އިންޑިއާގެ މުދައްރިސުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށްޓަކައި، އިންޑިއާ ހައިކޮމިޝަނުގެ ކައުންސެލަރ މުކަރުޖީ އެ ފަރާތްތަކާ ބައްދ...