ގެމަނަފުށީގައި ހަތަރު މީހަކަށް ނިސްބަތްކޮށް ރަސޫލު ބޭކަލުން ކަމަށް ބުނި މައްސަލައެއް ބަލަނީ
ގއ. ގެމަނަފުށީގައި ހަތަރު މީހަކަށް ނިސްބަތްކޮށް، ރަސޫލު ބޭކަލުން ކަމަށް ބުނެފައިވާތީ އެމައްސަލަ ތަހުގީގުކޮށްދިނުމަށް އެރަށު ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ގެމަނަފުށީ ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާނު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު މީހަކު ހަތަރު މީހަކަށް ނިސްބަތްކޮށް ރަސޫލުބޭކަލުން ކަމަށްބުނެ މީސް މީޑިއާގައި ޕޯސްޓެއް ކުރުމާއެކު އެކަން ބަލައިދިނުމަށް ފުލުހުންނަށް ކައުންސިލުން ހުށަހަޅާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ ބަޔަކު މީހުންގެ މައްޗަށް އެފަދަ ތުހުމަތެއް ކުރުމުން، އެމީހަކު އެފަދަ ތުހުމަތެއް ކުރަންޖެހުނު ސަބަބު ހޯދަން ކައުންސިލުން ބޭނުންވާ ކަމަށެވެ.
ނަމަވެސް އެ ހަތަރު މީހުން އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ކައުންސިލުންވެސް އަދި އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ކަމަށް ޝިޔާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ސިޔާސީ ކަމެއް ކަމަށާއި ހަތަރު މީހުންނާ ދިމާއަށް ރަސޫލު ބޭކަލުން ކަމަށް ބުނި މީހަކީ އެމްޑީޕީގެ ސަރުކާރުގައި މުހައްމަދު ނަޝީދު އައްޔަން ކުރެއްވި ކައުންސިލަރު ކަމަށެވެ.
އަދި ހަތަރު މީހުންނަކީ އެމްޑީޕީއާއި އެމްޑީއެން އިން ނެރުނު ރިޕޯޓާ ދެކޮޅަށް ޝުއޫރުފާޅުކުރި ހަތަރު މީހުން ކަމަށް ވެސް ޝިޔާނު ވިދާޅުވިއެވެ.
''މިއުޅެނީ ސިޔާސީ ކަމެއް. ހަތަރު މީހަކާ ދިމާލަށް އެމްޑީޕީގެ ސަރުކާރުގައި އައްޔަންކުރި ކައުންސިލަރު ބުނަނީ ތިއީ ރަސޫލު ބޭކަލުންނޭ. މިހަތަރު މީހުންނަކީ އެމްޑީޕީއާ ދެކޮޅު އެމްޑީއެންގެ ރިޕޯޓުވެސް ކުށްވެރިކޮށް އުޅުނު ހަތަރު މީހުން. އެފަދަ ބަހެއް ބުނީމަ ކައުންސިލުން ބޭނުންވޭ އެހެން ބުނަންޖެހުނު ސަބަބެއް ބަލަން. އޭނާ މިހާރު ވަނީ މީސް މީޑިއާގައި ކުރި ޕޯސްޓް ޑިލީޓްކޮށްފައި.'' ޝިޔާނު ވިދާޅުވިއެވެ.
''ވޮއިސް'' އަށް މައުލޫމާތު ދެމުން ގެމަނަފުށިން ވާހަކަ ދެއްކި މީހަކު ބުނީ، ރައީސް ނަޝީދު އައްޔަންކުރި ކައުންސިލަރު އަލީ ދީދީ، އެރަށު ހަތަރު މީހަކާ ދިމާއަށް ރަސޫލު ބޭކަލުން ކަމަށް ބުނީ އެމްޑީޕީއާއި ނަޝީދުއާ ދެކޮޅަށް ވާހަކަ ދައްކާތީ ކަމަށެވެ. ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ ީއެރަށު ދެ މިސްކިތުގެ އިމާމުން ކަމަށާއި އަނެއް ދެމީހުންނަކީ ސުކޫލުގެ ލީޑިން ޓީޗަރުން ކަމަށެވެ.
އޭނާ ބުނީ އެހަތަރު މީހުންނަކީ އެފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ހަޖަމު ނުވި މީހަކު މީސް މީޑިއާގައި ކުރި ޕޯސްޓްވެސް މިހާރު ޑިލީޓްކޮށްފި ކަމަށެވެ.
އެމައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް