މަރާމާތަށް ރަސްފަންނު ވަގުތީ ގޮތުން ބަންދުކުރަނީ!
މަރާމާތުކުރުމަށް ރަސްފަންނު ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ އިން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ ރަސްފަންނުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައްކޮށް ނިންމުމަށްޓަކައި ދުވަސްކޮޅަކަސް އެތަން ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރުދުވަހުން ފެށިގެން ހުކުރުދުވަހުގެ ނިޔަލަށެވެ.
ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އީޕީއޭއިން މިހާރު ލިބިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ފެށުމަށް ތައްޔާރުވަމުންދާއިރު، މާލެސިޓީ ކައުންސިލުން ވަނީ ރަސްފަންނު މޫދަށްއެރޭ ސަރަހައްދުން ކިސަޑް ނެގުމުގެ މަސައްކަތްވެސް ފަށާފައެވެ.
ރަސްފަންނަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރި ބީޗެކެވެ. ރަސްފަންނުގެ ރީތިކަން ގެއްލުމާއި ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، ރަސްފަންނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް