ލަންކާއިން ފުރުމަށް ޚާއްސަ ހުއްދައެއް ބޭނުމެއް ނުވޭ: އެމްބަސީ
ސްރީލަންކާގައި މިވަގުތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާހިނދު، ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރުމަށް ޚާއްސަ ހުއްދައެއް ބޭނުންނުވާނެކަމަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.
ވޮއިސްއާއި ވާހަކަފުުޅު ދައްކަވަމުން އެމްބަސީގެ ތާރޑް ސެކްރެޓަރީ އަލީ އަބްދުﷲ ހިލްމީ ވިދާޅުވީ، ކާފިޔު އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި އެއާޕޯޓުން ދަތުރުކުރުމަށް ލަންކާގެ ފުލުހުންގެ ޚާއްސަ ހުއްދައެއް ބޭނުންނުވާނެކަމަށެވެ.
އަލީ ވިދާޅުވީ އެއާޕޯޓު ސަރަހައްދުގައި ހުރިހާ ފަރާތްތަކުގެ ސަލާމަތަށް ޗެކްޕޯސްޓްތަކެއް ގާއިމްކުރެވިފައިވާނެ ކަމަށާއި، އެތަނުން ދަތުރުގެ ޓިކެޓާއި ޕާސްޕޯޓް ދައްކަން ޖެހޭނެކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މީގެ ކުރިންވެސް ބައެއް ފަހަރުތަކުގައި ލަންކާ އެއާޕޯޓުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅެކެވެ.
މިކަމާއި ގުޅިގެން އެއާޕޯޓުން ވަނީ ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ޗެކިންގްވުމަށް ހުރިހާ ފަސިންޖަރުންގެ ކިބައިން އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް