ވުލްވުސް ބަލިކޮށް ސިޓީއިން ލިވަޕޫލްއައި ދެމެދު އޮތް ފަރަގު ކުޑަކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވުސް ބަލިކޮށް ސިޓީއިން އެއްވަނައިގަ އޮތް ލިވަޕޫލްއައި ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފިއެވެ. ސިޓީއަށް 53 ޕޮއިންޓް ލިބިގެން ތާވަލުގެ ދެވަނައިގަ އޮތްއިރު ލިވަޕޫލްއޮތީ 57 ޕޮއިންޓާއެކީ ތާވަލުގެ އެއްވަނައިގައެވެ.
ސިޓީއިން ވުލްވްސް މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ސިޓީ ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއާލް ޖީސުސްއެވެ. ތިންވަނަ ލަނޑަކީ ވުލްވްސްގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ވުލްވްސްގެ ޑިފެންޑަރު ވިލީ ބޮލީއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބޮޑުބައި ވުލްވްސް ކުޅެފައިވަނީ 10 ކުޅުންތެރިންނާއެކީއެވެ.
މެޗައި ބެހޭ ގޮތުން ވާހަކަދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާބުނީ 10 ކުޅުންތެރިންނާއެކުވެސް ވުލްވްސް ޑިފެންޑްކުރީ ވަރަށް ޑީޕްކޮށް ކަމަށައި އިދިކޮޅު އޭރިއާ ތެރެއަށް ބޯޅަ ލާން އުނދަގޫވުމުގެ ސަބަބުން ބެންޗުގައި އިނދެ މެޗަށް އެރި ޑިބުރޫނޭ އެކަނިވެސް 10 ފަހަރު ހުރަސްކޮށްފައިވާ ކަމަށެވެ.
ވުލްވްސްގެ ކޯޗް ނޫނޯ ސަންޓޯބުނީ މެޗު އެނބުރިގެންދިޔައީ އޭނާގެ ޓީމުގެ ކުޅުންތެރިޔަކަށް ދެއްކި ރަތް ކާޑުގެ ސަބަބުން ކަމަށެވެ. މެޗަށް ނުކުންނަނީ 10 ކުޅުންތެރިން ލައިގެން ގޭމް ޕްލޭން ހަދައިގެން ނޫން ކަމުގައިވެސް އޭނާ ބުންޏެވެ.
ކުރިއަށް އޮތް ލީގު މެޗުގައި ސިޓީ ކުޅުމަށް ހަމަޖެހިފައިވަނީ ތާވަލުގެ ފުލުގައި އޮތް ހަޑަސްފީލްޑާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް