ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި ފަޔާފައިޓަރުން ހަރަކާތްތެރިވަނީ- ފޮޓޯ/ ބީބީސީ
ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި ފަޔާފައިޓަރުން ހަރަކާތްތެރިވަނީ- ފޮޓޯ/ ބީބީސީ
ދުނިޔެ 03 Aug 2026 | 04:11

ގްރީސްގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެއް ހެލިކޮޕްޓަރުގައި ތިބި ޑެންމާކުގެ ޕައިލެޓަކާއި ޔޫނާނުގެ ފަޔަރ ސާވިސްގެ އޮފިސަރެކެވެ. ދެވަނަ ހެލިކޮޕްޓަރުގައި ތިބި އިނގިރޭސި ޕައިލެޓާއި ޔޫނާނުގެ ކޯޑިނޭޓަރު ވަނީ ކުދި އަނިޔާތަކަކާއެކު ސަލާމަތްވެފައެވެ.

އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ މެކްޑާމޮޓް އޭވިއޭޝަނުން ކުއްޔަށް ހިފައިގެން އުޅޭ މި ދެ ހެލިކޮޕްޓަރު ޖެހިފައިވަނީ އާދީއްތަ ދުވަހު އެޓިކާ-ބޮއިއޯޝިއާ ބޯޑަރު ސަރަހައްދުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެއް ހެލިކޮޕްޓަރުގެ ފަހަތުން އައި އަނެއް ހެލިކޮޕްޓަރުގައި ޖެހުމާއެކު އޭގައި އަލިފާން ރޯވެ، ފުން ވަޅުގަނޑަކަށް ވެއްޓެއެވެ. ސަލާމަތްވި ދެވަނަ ހެލިކޮޕްޓަރު ވަނީ ކުއްލި ހާލަތުގައި ބިމަށް ތިރިކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޔޫނާނުގެ ބޮޑުވަޒީރު ކީރިއާކޯސް މިޓްސޮޓާކިސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރުވި ދެ އޮފިސަރުންގެ ވަކިވުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށާއި، އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

ޔޫނާނުގެ ސިވިލް ޕްރޮޓެކްޝަން މިނިސްޓްރީން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ގައުމުގައި އޮޕަރޭޓް ކުރާ "ބެލް" މޮޑެލްގެ ހުރިހާ ހެލިކޮޕްޓަރުތަކެއް ވަނީ ވަގުތީ ގޮތުން ގްރައުންޑް ކުރެވިފައެވެ. ސަލާމަތްވި އިނގިރޭސި ޕައިލެޓާއި ޔޫނާނުގެ އޮފިސަރު މިހާރު ތިބީ ހޮސްޕިޓަލުގައި ކަމަށާ އެމީހުންނަށް ފަރުވާދެމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ޔޫނާނުގެ އިތުރުން ފްރާންސާއި ސްޕެއިން ފަދަ ވިލާތުގެ ގައުމުތަކުގައިވެސް މި ދުވަސްވަރު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ބޮޑެތި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. ޔޫނާނުގެ އެކި ސަރަހައްދުތަކުގައި 500 އަށްވުރެ ގިނަ ފަޔަރ ފައިޓަރުން ދަނީ "ބިޔަ ހަނގުރާމައެއް" ކުރަމުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގުން މިހާރު ވަނީ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް