ލަންކާގެ ރައީސަށް ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްހަބާ ދަންނަވައިފި އެވެ.
ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، އަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ޖުމްހޫރީ މައިދާނުގަ އެވެ. މި ރަސްމިއްޔާތަށް، ލަންކާގެ ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލު ދަރިވަރުންގެ ސަގާފީ ހުށަހެޅުމެއްގެ އިތުރުން ރައީސް ޑިސަނާޔަކެގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ވަނީ ކުޅެފަ އެވެ.

އޭގެ ފަހުން ރައީސް ޑިސަނާޔަކެ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. އަދި ދިވެހި ދައުލަތުގެ ވަޒީރުންނަށް މަރްހަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމާއި ލަންކާގެ ވަފުދުގެ ބޭފުޅުން ތައާރަފުކޮށްދެއްވުން ވެސް އޮތެވެ.

އޭގެ ފަހުން އެމަނިކުފާނު ވަނީ ރައީސް އޮފީހަށް ވަޑައިގެން އިއްްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި ދެ ބޭފުޅުން ވަނީ އެކުގައި ފޮޓޯފުޅެއް ނަންގަވާފަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް