ވަޓްސް އެޕް
ވަޓްސް އެޕް
ދުނިޔެ 30 Jun 2026 | 03:46

ވަޓްސްއެޕްގައި ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒާނޭމް މެދުވެރިކޮށް ޗެޓް ކުރެވޭ ފީޗާ ތަޢާރަފު ކުރަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ފޯނު ނަންބަރު ހިއްސާ ނުކޮށް ޔޫޒާނޭމް މެދުވެރިކޮށް އެކަކު އަނެކަކާ ޗެޓް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އެ ޕްލެޓްފޯމުން ފަށައިފިއެވެ.

ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މި ފީޗާ މުޅި ދުނިޔޭގެ ތިން ބިލިއަން ޔޫޒަރުންނަށް ލިބޭ ގޮތަށް ރޯލްއައުޓް ކުރާނެ ކަމަށް ވަޓްސްއެޕުން ބުނެފައިވެއެވެ. ހޯމަ ދުވަހުން ފެށިގެން ޔޫޒަރުންނަށް އެޕް މެދުވެރިކޮށް ޔޫޒާނޭމެއް ރިޒާވް ކުރެވެން ފެށޭނެއެވެ. ނަމަވެސް މިއީ މަޖުބޫރު ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ފީޗާ ފުރިހަމައަށް އެކްޓިވޭޓް ކުރެވުމުން ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ހަމައެކަނި ޔޫޒާނޭމް ބަދަލުކޮށްގެން ގުޅައިލެވޭނެއެވެ. ބޭނުން ނޫން މެސެޖްތައް ބްލޮކް ކުރުމާއި ރިޕޯޓް ކުރުމުގެ އިޚުތިޔާރު ވެސް ހެން އެ ގޮތުގައި ދެމި އޮންނާނެއެވެ. ޔޫޒާނޭމް ކޮންމެ ވަގުތެއްގައި ވެސް ބަދަލުކުރެވޭނެ ނުވަތަ ނެގޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޔޫޒާނޭމްތަކުގެ ދިގުމިން 35 ކެރެކްޓަރަށް ލިމިޓް ކުރެވޭނެ ކަމަށާއި މާ ގިނަ ހިފެހެއްޓުންތަކެއް ނޯންނާނެ ކަމަށް ވެސް ވަޓްސްއެޕުން ބުނެފައިވެއެވެ. ނަމަވެސް މަޝްހޫރު ސިޔާސީ ބޭފުޅުންނާއި ސެލެބްރިޓީންގެ ނަންތައް އެހެން މީހުންނަށް ބޭނުން ނުކުރެވޭ ގޮތަށް ހިފެހެއްޓޭނެއެވެ. އެހެންކަމުން މިސާލަކަށް ޑޮނަލްޑް ޓްރަމްޕް ފަދަ ނަމެއް ޖަހައިގެން ޔޫޒާނޭމް ހެދުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބެލެވެއެވެ.

މެޓާގެ ދަށުގައި ހިންގާ ވަޓްސްއެޕުން މި ޔޫޒާނޭމް ފީޗާ ސިފަކޮށްފައިވަނީ ޕްރައިވެސީ ފީޗާއެއްގެ ގޮތުގައެވެ. ވަޓްސްއެޕްގެ ހެޑް އޮފް ޕްރޮޑަކްޓް އެލިސް ނިއުޓަން-ރެކްސް ވިދާޅުވީ ޚާއްޞަކޮށް ގްރޫޕް ޗެޓްތަކުގައި ފޯނު ނަންބަރު ހިއްސާ ކުރަން ބޭނުން ނުވާ ކަމަށް ޔޫޒަރުން ބުނެފައިވާ ކަމަށެވެ. މި ފީޗާގެ ސަބަބުން "ޔޫޒަރުންނަށް އެ މީހުން އެޕްގައި ފެންނަ ގޮތް ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭނެ" ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި "ޕްރައިވެސީ އިޒް ޕަވާ" ފޮތުގެ މުޞައްނިފާ ކެރީސާ ވެލީޒް ވިދާޅުވީ "މިއީ ރަނގަޅު ފީޗާއެއް ނަމަވެސް އިތުރު ޕްރައިވެސީ ލިބުނު ކަމުގައި ވިޔަސް ވަޓްސްއެޕަކީ ޖުމްލަ ގޮތެއްގައި ޕްރައިވެސީ ރައްޓެހި އެޕެއް ނޫންކަން ހަނދާން ބެހެއްޓުން މުހިންމު" ކަމަށެވެ.

އެންކްރިޕްޓެޑް މެސެޖިން އެޕް ސިގްނަލް އިން 2024 ވަނަ އަހަރު މިފަދަ ޚިދުމަތެއް ތަޢާރަފުކޮށްފައިވެއެވެ.

މި ފީޗާ ފުރިހަމައަށް ރޯލްއައުޓް ކުރެވުމުން ވަޓްސްއެޕްގައި ވަކި ވަކި ފޯނު ނަންބަރުތައް ދެން ފެންނާކަށް ނުހުންނާނެއެވެ. ޕަބްލިކް ޔޫޒާނޭމް ޑިރެކްޓަރީއެއް ނޯންނާނެ ކަމަށާއި ވަޓްސްއެޕް އެކައުންޓެއް ހެދުމަށް ކުރިއެކޭ ވެސް އެއްފަދައިން ފޯނު ނަންބަރެއް ބޭނުންވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ވަޓްސްއެޕް ބޭނުންކުރެވޭ އެންމެ ހަގު އުމުރަކީ 13 އަހަރެވެ. 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް އިނގިރޭސިވިލާތުގައި އަންނަ އަހަރު ތަންފީޒުކުރަން ހަމަޖެހިފައިވާ ޤާނޫނުގެ ދަށުން މެސެޖިން އެޕްތައް ހިމެނިފައެއް ނުވެއެވެ.

ދާދި ފަހުން ވަޓްސްއެޕުން ވަނީ އިންޑިއާގެ ފިންޓެކް ސްޓާޓްއަޕެއްގެ ބާނީ ކުނާލް ޝާހް ޕްލެޓްފޯމުގެ އެންމެ އިސް މަޤާމާ ހަވާލުވެވަޑައިގަންނަވާނެ ކަން އިޢުލާނުކޮށްފައެވެ. ހަތް އަހަރު ވަންދެން އެ މަޤާމުގައި ހުންނެވި ވިލް ކެތްކާޓް ވަނީ މަޤާމުން ވަކިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް