އެންޓޮނީ އަދި އެރިކް ޓެން ހާގް
އެންޓޮނީ އަދި އެރިކް ޓެން ހާގް
ކުޅިވަރު 23 Aug 2022 | 18:22

ޔުނައިޓެޑާއި ގުޅުމަށް ކެތްމަދުވެ އެންޓޮނީ, އަޔަކްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދައިފި

ޔުނައިޓެޑާއި ގުޅުމަށް ކެތްމަދުވެ އެންޓޮނީ, އަޔަކްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދައިފިއެވެ.

ބްރެޒިލްއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އެންޓޮނީ މިހާތަނަށް ވަނީ އަޔަކްސްގެ ތިން ދުވަހުގެ ފަރިތަކުރުމަށް ހާޒިރުނުވެ އެންމެ ފަހުން ލީގުގައި އެ ޓީމުން ކުޅުނު މެޗުގައި ބައިވެރިވާން ވެސް ދެކޮޅު ހަދާފައެވެ. އަދި އޭނާ ދެން ބޭނުންވަނީ އިނގިރޭސި ޓީމު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުމަށް ކަމަށް އަޔަކްސްގައި އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޭ ޔުނައިޓެޑުން ލިވަޕޫލް ބަލިކުރި މެޗުވެސް އެންޓޮނީ ވަނީ އޭނާގެ އެޖެންޓާއި އެކު ބަލާފައެވެ. މައުލުމާތު ލިބޭ ގޮތުގައި ޔުނައިޓެޑުން މިހާރު ވަނީ އެންޓޮނީ އަދި އޭނާގެ އެޖެންޓާއި އެކު އެއްބަސް ވުމަކަށް އައިސްފައެވެ.

ނަމަވެސް އަޔަކްސްއިން އަންނީ އެ ޓީމުގެ ކުރީގެ ކޯޗު ޓެން ހާގުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް އެންޓޮނީ ވިއްކާލުމާއި ދެކޮޅު ހަދަމުންނެވެ. އެގޮތުން މިދިޔަ ހަފްތަ ތެރޭ ޔުނައިޓެޑުން އެންޓޮނީ ގަތުމަށް ކުރި 80 މިލިއަން ޔޫރޯގެ ބިޑް ވަނީ އަޔަކްސްއިން އަނބުރާ ފޮނުވާލާފައެވެ. އަދި މިހާރު އަޔަކްސްއިން ދަނީ 100 މިލިއަން ޔޫރޯގެ އަގެއް އެންޓޮނީ އަށް ކިޔަމުން ކަމަށް ރިޕޯޓުތަކުން ދަނި ބުނަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުން މިހާރު ދަނީ 80 މިލިއަނަށްވުރެ ބޮޑު ބިޑެއް އަޔަކްސްއަށް ހުށައެޅުމަށް ތައްޔާރު ވަމުންނެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި މިދިޔަ ސީޒަން ނިމުމާއި އެކު އަޔަކްސް ގެ އޭރުގެ ކޯޗު އެރިކް ޓެން ހާގު އެ ޓީމު ދޫކޮށް ޔުނައިޓެޑަށް ބަދަލުވުމުން އަޔަކްސްގެ ކުޅުންތެރިން ހެދި ވަދާއީ ވީޑިއޯގައިވެސް އެންޓޮނީ ވަނީ ޓެން ހާގް ބޭނުން ވެއްޖެ ނަމަ އޭނާ އަބަދުވެސް ޓެން ހާގުގެ ހިދުމަތުގައި ހުންނާނެ ކަމަށް ބުނެފައެވެ.

އެންޓޮނީގެ އިތުރުން ހޮލެންޑުގެ ކޯޑީ ގަކްޕޯ އަދި ފްރެންކީ ޑިޔޯންގ ގެނައުމުގެ މަސައްކަތްވެސް ޔުނައިޓެޑުން ދަނީ ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް