މިސްރު
މިސްރު
ދުނިޔެ 03 Aug 2026 | 06:50

މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މިޞްރުގެ ސުއޭޒް ސިޓީގެ އުތުރުން 38 ކިލޯމީޓަރު ދުރަށް، މިއަދު ފަތިހުގެ ވަގުތެއްގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މިޞްރުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވިކަމުގެ ނުވަތަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ބިންހެލުމާ ގުޅިގެން މިޞްރުގެ ރެޑް ކްރެސެންޓުން ވަނީ ބިންހެލުމުގެ އަސަރު ކުރި ސަރަޙައްދުތަކުގައި ކުއްލި ޙާލަތުގައި އަމަލުކުރާނެ ޕްލޭން ތަންފީޒުކުރަން ފަށާފައެވެ. އެ ޖަމްޢިއްޔާއިން ވަނީ އިމާރާތްތަކަށް ރެނދުލުން ފަދަ ގެއްލުންތައް ފެންނަން ހުރިނަމަ، އެފަދަ ތަންތަނަށް ނުވަނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ސަރުކާރުގެ ރަސްމީ އިދާރާތަކުން ނެރޭ މަޢުލޫމާތުތަކަށް ސަމާލުވުމަށްވެސް ވަނީ އެދިފައެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އިތުރަށް ބަލައި ވަޒަންކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް