ކްރިސްޓީނާ ރެޕްތީ-ޒެލެޕީ އާއި އޭނާގެ ފިރިމީހާ ދަރިފުޅާއެކު
ކްރިސްޓީނާ ރެޕްތީ-ޒެލެޕީ އާއި އޭނާގެ ފިރިމީހާ ދަރިފުޅާއެކު
ދުނިޔެ 14 Sep 2026 | 04:12

22 އަހަރު ފްރީޒްކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް 54 އަހަރުގެ އަންހެނެއް ދަރިއަކު ވިހައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.

ކްރިސްޓީނާ ރެޕްތީ-ޒެލެޕީ އާއި އޭނާގެ ފިރިމީހާ 60 އަހަރުގެ ކޮންސްޓެންޓީނޯސް ރެޕްތީސް, އެ ދެމަފިރިންގެ 21 އަހަރުގެ ފިރިހެން ދަރިފުޅު ޖިއޯގޯސް މިދިޔަ އޮކްޓޫބަރުގައި މަގުމަތީ އެކްސިޑެންޓެއްގައި މަރުވީ ފަހުން އިތުރު ދަރިއަކު ހޯދުމަށް ނިންމީ ދަރިފުޅު މަރުވިތާ ދެތިން މަސް ފަހުންނެވެ. ކުރީން ގަނޑުކޮށްފައި ރައްކާކޮށްފައި ހުރި އެމްބްރިއޯތަކުގެ ތެރެއިން އެކަތި ބޭނުންކުރުމަށް ދެމަފިރިން ނިންމީ ނަމަވެސް ގުރީސްގެ ޤާނޫނު 54 އަހަރަށް ވުރެ މައްޗަށް ދާ އަންހެނުންނަށް އައިވީއެފް ހެދުން މަނާކުރާތީ އެ ޤައުމުގެ ޤައުމީ ރީޕްރޮޑަކްޓިވް މެޑިސިން އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހުނެވެ.

އެފަހުން އައިވީއެފް ހަދައި، ރެޕްތީ-ޒެލެޕީ ސެޕްޓެމްބަރު ނުވައެއްވީ ބުދަ ދުވަހު އެތެންސްގެ ހޮސްޕިޓަލެއްގައި 3.49 ކިލޯގެ އަންހެން ކުއްޖެއް ވިހައިފައިވެއެވެ. ނިޔާވެފައިވާ ދަރިފުޅު ޖިއޯގޯސްގެ ހަނދާނުގައި ތުއްތު ކުއްޖާއަށް ދެމަފިރިން ނަން ދީފައިވަނީ ޖޯޖިއާ ކަމަށެވެ. ޖިއޯގޯސް ވެސް ދުނިޔެއަށް އައިސްފައިވަނީ އައިވީއެފް މެދުވެރިކޮށެވެ.

"އެ ދަރިފުޅަށް އެދެނީ ފުރަތަމަ ދަރިފުޅު ފަދައިން ދުޅަހެޔޮ ޞިއްޙަތެއްގައި އުފާވެރިކަމާ އެކު ބޮޑުވުން. އެ ދަރިފުޅު ގެ ހިނިތުންވުމުން މުޅި ގެ އުޖާލާކޮށްދިން" ރެޕްތީ-ޒެލެޕީ ބުންޏެވެ.

ރަނގަޅު ހާލަތުގައި ރައްކާކުރެވިފައި ހުންނަ ނަމަ އެމްބްރިއޯ ދިގު މުއްދަތަކަށް ގަނޑުކޮށް ބެހެއްޓެވުނު ކަމުގައި ވިޔަސް މިހާ ދުވަސްވީ އެމްބްރިއޯއަކުން ކާމިޔާބުކަމާއެކު ވިހެއުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ. މީގެ ކުރިން އެމެރިކާގެ އޮހަޔޯގެ ދެމަފިރިޔަކު 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ގަނޑުކޮށްފައި ހުރި އެމްބްރިއޯއެއް ބޭނުންކޮށް ދަރިއަކު ހޯދި ކަމީ ގިނެސް ވޯލްޑް ރެކޯޑްސް އިން ބަލައިގެންފައިވާ ލަނޑުދަނޑިއެކެވެ.

ރެޕްތީ-ޒެލެޕީގެ ގައިނެކޮލޮޖިސްޓު އަދި ހެލެނިކް ސޮސައިޓީ އޮފް ރީޕްރޮޑަކްޓިވް މެޑިސިންގެ ވެރިޔާ ޑރ. ކޮސްޓާސް ޕެންޓޯސް ބުނީ ގުރީސްގައި އުފަންވާ ނިސްބަތް ދަށްވަމުން ދާ ދަނޑިވަޅެއްގައި މި ޤަވާޢިދުތައް އަލުން ބެލުން ރަނގަޅު ކަމަށެވެ.

"ޤާނޫނު ވަރަށް ހަރުކަށި: 54 އަހަރާއި އެއް ދުވަސް ވެސް ހުއްދައެއް ނޫން. ފަހަރެއްގައި ބަދަލެއް ގެންނަންވީ ވަގުތު އައީ ކަމަށް ވެދާނެ" ޑރ. ޕެންޓޯސް ބުންޏެވެ.

"އެއީ މައިންބަފައިންގެ އަތުން ނިގުޅައި ނުގަނެވޭނެ ޙައްޤެއް ކަމުގައި ދެކެން" ޑރ. ޕެންޓޯސް އިތުރަށް ބުންޏެވެ.

ގުރީސްގައި މިހާރު ހިނގާ ޤާނޫނުގެ ދަށުން 54 އަހަރަށް ވުރެ ދޮށީ އަންހެނުންނަށް އައިވީއެފް ހެދުން ހުއްދަ ނޫން ނަމަވެސް މި ހާދިސާއާ ގުޅިގެން އެ އުމުރުގެ ހިފެހެއްޓުމާ މެދު އައު ބަހުސެއް ފެށިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް