N/A
N/A
ވާހަކަ 27 Mar 2023 | 07:29

ޠަލްޙާގެފާނަަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއް!

ޠަލްޙާ ބިން ޢުބައިދުالله (رضي الله عنه) ގެ ކިބައިން ރިވާވެގެން ވެއެވެ.

އެއްދުވަހަކު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ދެމީހަކު އިސްލާމްވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ވަރަށް ފޯރިއާއި ޖޯޝުގައި ހެޔޮ ކަންކަމުގައި މަޝްޢޫލުވެ ވަޑައިގެން އުޅުއްވާ ބޭފުޅެކެވެ. އެ ބޭފުޅާއަށް ފުރަތަމަ ޖިހާދަށް ދިޔުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ޖިހާދަށް ވަޑައިގެންނެވި އެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ޖިހާދުކޮށް ޝަހީދުވެ ވަޑައިގަންނެވިއެވެ.

ދެވަނަ އަށް އިސްލާމްވެވަޑައިގެންނެވި ބޭފުޅާ، އޭގެ އެއް އަހަރަށް ފަހުގައި، އެބޭފުޅާގެ ގެ ކޮޅުގައި، ބަލި އެދުގައި އޮންނަވައި، ވަރަށް އާދައިގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު އަވަހާރާވެވަޑައިގެންނެވިއެވެ.

އެ ދޭބެފުޅުންނާއި ގުޅޭ ހުވަފެންފުޅެއް ޠަލްޙާގެފާނަަށް ފެނިވަޑައިގެންނެވި އެވެ.

އެ ހުވަފެންފުޅުގައި، الله ސުބުޙާނަހޫވަތަޢާލާގެ މަގުގައި ޝަހީދުވެވަޑައިގެންނެވި ބޭފުޅާއަށް ވުރެ، އެއް އަހަރުފަހުން، ޠަބީޢީ އަވަހާރަވުމަކުން ގެކޮޅުގައި އަވަހާރަވި ބޭފުޅާ ސުވަރުގެ ވަނުމުގައި އިސްވެގެން ދިޔަތަން ފެނިވަޑައިގެންނެވިއެވެ.

އޭގެ ސަބަބާއި ގުޅޭ ގޮތުން ޠަލްޙާގެފާނު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އަރިހުގައި ސުވާލުކުރެއްވި އެވެ.

އޭގެ ޖަވާބުގައި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޠަލްޙާގެފާނަަށް ސުވާލުކުރެއްވީ، އެއް އަހަރު ފަހުން އަވަހާރަވީ މީހާ، އިތުރު އެއް އަހަރު ދުވަހު ނަމާދު ކޮށްފައިވާނެ ނޫންތޯއެވެ. އަދި އެ އެއްއަހަރު ތެރޭގައި ރަމަޟާންމަހުގެ ރޯދައާއި ބައްދަލުވެ އެ ރަމަޟާން މަހުގެ ރޯދަވެސް އޭނާ ހިފާފައި ވާނެ ނޫންތޯއެވެ.

މީހާ ދުނިޔެމަތީގައި ހެޔޮ ޢަމަލުކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ހެޔޮ ޢަމަލު ކުރުމުގައ ސާބިތުވެ ހުރުމުގެ ސަބަބުން ޖިހާދުކޮށް ޝަހީދުވި މީހަކަށްވުރެ އޭނާގެ ދަރަޖަ އުފުލިގެން ދިޔަކަން މި ހާދިސާއިން އެނގިގެން ދެއެވެ.

އެހެންކަމުން، ހެޔޮ ޢަމަލު ކުރުމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މި ހާދިސާ އިން ޢިބުރަތް ލިބިގަންނަމާ ހެއްޔެވެ؟

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް