ކުރީގެ ޕްލޭނާ އެއްގޮތަށް އައު ޓަރމިނަލްގެ މަސައްކަތް އަންނަ ޖޫން މަހު ފަށަނީ!
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް އަންނަ ޖޫން މަހު އަލުން ފަށާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއްގައިއެވެ.
މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި މިހާރު ކުރަމުން އަންނަނީ ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުންކަމަށާއި މި މައްސަލަތައް ހައްލުކޮށް އާ އެގްރިމެންޓަކާއެކު މިއަހަރުގެ ޖޫންމަހުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން އައު ޓާމިނަލްގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް ސަޢޫދީ ފަންޑުގެ އިސްބޭފުޅުންންގެ އިތުރުން މި މަޝްރޫއަށް ފަންޑުކުރާ އެހެނިހެން ޖަމްޢިއްޔާތަކާއެކުވެސް މަޝްވަރާ ކުރައްވާފައިވާކަމަށް މިނިސްޓަރ އާމިރު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ކުރަނީ ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏެއްކަމަށްވާ ސައުދީ ބިންލާދިން ގްރޫޕުންނެވެ.
މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ޓާމިނަލްގެ މަސައްކަތް ކުރާނީ ކުރީގެ ޕްލޭނާއި އެއްގޮތަށްކަމުގައި ވިޔަސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާނެއެވެ. އަދި މަސައްކަތް ފަށާތާ 3 އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް