ދީނީ މަސައްކަތެއް ނުހުއްޓުވޭނެ: ޑރ. ޝަހީމު
ދީނީ މަސައްކަތްވެސް ނުހުއްޓުވޭނެ ކަމަށާއި އެމްޑީޕީ ކުރިމަތީގައި ކުޑަކަކޫ ވެސް ނުޖެއްސޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމު މިފަދައިން ވިދާޅުވެފައި މިވަނީ ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި މަރުކޮމިޝަނުން ނެރުނު ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމަފައިވަނީ ސަލަފު ޖަމުއިއްޔާ އާއި ޑރ. ޝަހީމުގެ މައްޗަށް ފިޔަވަޅު އެޅުމަށެވެ. ސަލަފުގެ މައްޗަށް ފިޔަވަޅު އަޅަން ނިންމީ، ރާއްޖޭގައި ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާކަމުގެ ތުހުމަތުގައެވެ. ނަމަވެސް ސަލަފުން އެކަން ދޮގުކޮށްފައިވެއެވެ. އަދި މަރުކޮމިޝަނުގެ ރިޕޯޓުގައި އަފްރާޝީމުގެ މަރުގެ މައްސަލައިގައި ސަަލަފުގެ މައްޗަށް ތުހުމަތުކޮށްފައެއް ނުވެއެވެ.
އެކޮމިޝަނުން ނެރުނު ރިޕޯޓުގައި ޝަހީމުގެ ބަޔާން ނެގި ނަމަވެސް އަފްރާޝީމުގެ މަރުގެ މައްސަލައިގައި ޝަހީމުގެ މައްޗަށްވެސް ތުހުމަތުކޮށްފައެއް ނުވެއެވެ. ރިޕޯޓުގައި ވަނީ ޝަހީމު ދޮގު މައުލޫމަތު ދެއްވި ކަމަށް ތުހުމަތުކޮށްފައެވެ.
ޑރ. ޝަހީމު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ﷲގެ އިރާދަފުޅުން ބިރު ނުދެއްކޭނެ ކަމަށާއި ސިޔާސީ މަސައްކަތެއްވެސް ނުހުޓުވޭނެ ކަމަށެވެ.
''ދީނީ މަސައްކަތެއްވެސް ނުހުޓުވޭނެއެވެ. އަދި އެމްޑީޕީ ކުރިމަތީގައި އަޅުގަނޑުމެން ކުޑަކަކޫ ނުޖެއްސޭނެއެވެ.'' ޝަހީމު ވިދާޅުވިއެވެ.
އިތުރު ޓުވީޓެއްގައި ޑރ. ޝަހީމު ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ރިޕޯޓުގައި އެވަނީ ރާއްޖޭގައި ތިއްބެވި އެތައް އެތައް އިލްމުވެރިންނަށް ދޮގު ތުހުމަތުކޮށްފައި ކަމަށެވެ. މަޖިލީހުގައި ތިއްބެވި ހެޔޮވިސްނޭ އިއްޒަތްތެރި ބޭފުޅުން އެރިޕޯޓު ފާސް ނުކުރެއްވުމަށް ޝަހީމު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން ޑރ. ޝަހީމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރިޕޯޓުގެ ހުލާސާ ބަޔާން އިއްވަމުން ޝަހީމު ގަތަރަށް ފުރައިގެންދިޔަކަން ދޭހަވާ ގޮތަށް މަޖިލީހުގެ ރައީސް ވާހަކަދެއްކެވިކަމީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އެދުވަހު ގަތަރަށް ފުރއިގެންދިޔަ ބަޔަކާއެކީގައި ފުރައިގެން ނުދާކަމަށް ޝަހީމު ވިދާޅުވިއެވެ. އަދި އެއީ ރިޕޯޓުގައި ނުވެސް ނެތް ވާހަކައެއް ކަމަށް ޝަހީމު ވިދާޅުވިއެވެ.
ޝަހީމު މިހެން ވިދާޅުވީ، އަފްރާޝީމު އަވަހާރަކޮށްލި މީހުން ހަމައެރޭ މެދުއިރުމައްޗަށް ފުރައިގެން ގޮސްފިކަމަށް ވިދާޅުވެ ރައީސް ނަޝީދު، ހދ. ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވުމާއި ގުޅިގެންނެވެ.
ޝަހީމު އެދުވަހު ސަލަފުގެ ބަޔަކާއެކުވެސް އަދި ދީނީ ފަރާތަކާވެސް ބައްދަލު ނުކުރައްވާ ކަަމަށާއި މަރުގެ ހާދިސާއާއި މިނިސްޓްރީއާއި އަފްރާޝީމާއި ކުރި ދީނީ ޕްރޮގްރާމާއި ގުޅޭ މުއާމަލާތުތަކާއި ގުޅުވަން އުޅުމަކީ އުދުވާނީ އަމަލެއް ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް