މަގުމަތީގެ ކުލަލުން ހުއްޓިފައިވަނީ ދަވާދު ހުސްވެގެން- ސިޓީ ކައުންސިލް
މަގުތަކުގެ ކުލަލުން ހުއްޓިފައިވަނީ މަގުމަތި ކުރަހަން ބޭނުންކުރި ދަވާދު ހުސްވެގެން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފު ވޮއިސްއަށް ވިދާޅުވީ މާލޭގެ މަގުތަކުގެ ޒިބްރާ ކްރޮސްތައް އާކުރުމަށާއި އެހެނިހެން ގޮތްގޮތުން މަގުމަތީގެ ރައްކާތެރިކަމަށް މަގުމަތީގައި ކުރަހާ ނިޝާންތައް ކުރެހުމުގެ މަސައްކަތް ސިޓީ ކައުންސިލުން ބާރު ސްޕީޑެއްގައި ކުރި ކަމަށާއި، ނަމަވެސް އެ މަސައްކަތް މިހާރު ހުއްޓިފައިވަނީ އެކުރަހަން ބޭނުންކުރާ ކުލައިގެ ދަވާދު ހުސްވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ ސިޓީކައުންސިލުން މަގު ކުރަހަން ބޭނުންކުރީ އެސްޓީއޯއިން ދަވާދު ގަނެގެން ކަމަށާއި، ނަމަވެސް މިހާރު އެ ސްޓޮކް ހުސްވެފައިވާ ކަަމަށެވެ. އަދި މާލޭގެ އެއްވެސް ތަނަކުން އެކުލައިގެ ދަވާދު ނުލިބުނު ކަމަށާއި، މިހާރު އެސްޓީއޯއިން އެކުލައިގެ ދަވާދަށް އޯޑަރު ދީފައިވާކަމަށްވެސް ޝަމާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމަސް ނިމެންވާއިރަށް ކުލަ ލިބިގެންދާނެކަމެވެ. އަދި އެކުލަ ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށާއި، އެގޮތުން އެންމެ އިސްކަމެއްދޭނީ ޒިބްރާ ކްރޮސްތައް އާކުރުމަށް ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ސުކޫލުތަކާއި މިސްކިތްތަކުގެ ކުރިމަތީގައި ހުންނަ ޒިބްރާ ކްރޮސްތަކަށް ޚާއްސަ ސަމާލުކަމެެއްދޭނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް