ދީނުގެ ސައްހަ އަގީދާގެ މަތީގައި ހުރުމަށް ރައީސް ސޯލިހު ނަސޭހަތް ދެއްވައިފި
ދަރިވަރުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، 2018 ވަނަ އަހަރު މަތީ ޘާނަވީ ތަޢުލީމު ނިންމާ، އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަތީ ޘާނަވީ ނިންމާ ދަރިވަރުންނަށް މި ސަރުކާރުން ފަހިކޮށްދެއްވާފައިވާ ފުރުޞަތުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް، ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތަކުގެ މައްޗަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
އެގޮތުން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވުމާއި ހައި އެޗީވަރސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އޯ.އީ.ސީ.ޑީ ޤައުމުތަކުން ކިޔެވޭނެ ގޮތތް ހަމަޖެހި، މީގެ ކުރިން ހަމަޖެހިފައި ނެތް، 36 ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި މި ފުރުޞަތުތަކަކީ މަތީ ތަޢުލީމު ޙާޞިލުކުރުމަށް މިހާތަނަށް ސަރުކާރުން ފަހިކޮށްދެއްވި އެންމެ ފަހި ފުރުޞަތު ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވަނީ ސްކޮލަރޝިޕާއި އެވޯޑަށް މިއަހަރު ހޮވުނު ދަރިވަރުން ކިޔެވުމަށް ބޭރަށް ފޮނުވުމަށް ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ޙިއްޞާކުރައްވާފައެވެ.
ފޮޓޯ: ރައީސް އޮފީސް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް